ރާއްޖޭގައި ފުޓްސަލް ކުޅޭނެ އިންޑޯއެއް ނެތުމަކީ ޗެލެންޖެއް ނަމަވެސް، އެ ޗެލެންޖާއެކުވެސް އަންހެން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ރަނގަޅު ފައިޓެއް ދޭން ތައްޔާރުވާނެ ކަމަށް ކޯޗު، އާތިފް މުހައްމަދު (އާތީ) ބުނެފިއެވެ.
ސާފުން ފުރަތަމަ ފަހަރަށް ބާއްވާ ސަރަހައްދީ އަންހެން ފުޓްސަލް މުބާރާތް އޮންނާނީ މިމަހު 13 އިން 27 އަށް ތައިލެންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައެވެ. މިއީ ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތަކަށް ތައްޔާރުވަމުންދާ ފުރަތަމަ ފަހަރެވެ.
"ފިރިހެން ގައުމީ ޓީމު ކޯޗުގެ އިރުޝާދާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށް މިދަނީ. އެ ކޯޗުގެވެސް އެހީތެރިކަމާއެކު ކުޅުންތެރިންނަށް ކިޔައިދިނުމުގެ އިތުރުން ޓެކްޓިކްސްވެސް އެއަށް ލައިގެން މަސައްކަތް މިކުރަނީ. އެއީ އާއްމުކޮށް ރާއްޖޭގައި މިކުޅޭ ދެ ސިސްޓަމް ބޭނުންކޮށްގެން. ދެން މާބޮޑަށް އަދި ފިޒިކަލް މަސައްކަތްތަކެއް ނުކުރިޔަސް، މިހާރު މި ބަލަނީ ރަނގަޅަށް ގޭމް ރާވާ ލެވޭތޯ. އެކަމަކު ދުވަހެއްވެސް އަނެއްހެން ނެތް. ދެން ރަނގަޅު ޕްލޭނަކާ އެއްގޮތަށް ގެންދާނީ،" އާތީ ކޯޗު، "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ފުޓްސަލްގައި ފާހަގަކޮށްލެވޭ އާތީ ކޯޗު ބުނީ މިހާރު ތިބި ކުޅުންތެރިންނަށްވެސް މި ކުޅޭ ސިސްޓަމް ކުރިންވެސް އެނގޭނެ ކަމަށާއި ތަފާތު ފެންނަނީ އިންޑޯގައި ކުޅެން ޖެހުމުން ކަމަށެވެ.
"މިހާރު މިތިބި ކުޅުންތެރިންނަށް އެނގޭނެ ކޮންމެވެސް ވަރަކަށް މި ސިސްޓަމް. އެއީ ރާއްޖޭގައިވެސް ހަމަ އަންހެން ފުޓްސަލް އެބަ ކުޅޭ. އެކަމަކު މީގެ ބޮޑު ތަފާތެއް މި ފެންނަނީ އިންޑޯއާއި އައުޓްޑޯގެ ތަފާތު. އައުޓްޑޯގައި ކުޅެފައި އިންޑޯއަށް ދިޔައިމަ ހުންނާނެ ތަފާތުތަކެއް. އެކަމަކުވެސް ސިސްޓަމް ކިޔައިދީފިއްޔާ ތަފާތު ފެންނާނެ،" އާތީ ބުންޏެވެ.
ކޯޗު އާތީ އިތުރަށް ބުނީ އެހެން ގައުމުތަކުން އިންޑޯގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަކީ ޗެލެންޖެއް ނަމަވެސް، އެ ޗެލެންޖާއެކުވެސް ރަނގަޅު ފައިޓެއް ދޭން ޓީމު ތައްޔާރުވާނެ ކަމަށެވެ.
"މިއީ ދެން ސަރަހައްދީ ފުރަތަމަ މުބާރާތް. އެހެން ގައުމުތަކުވެސް އިންޑޯ އަންހެން މުބާރާތްތައް އޮންނަހެން ހީއެއް ނުވޭ. އެކަމަކު އިންޑޯ އެހެން ހަރަކާތްތައް ހިނގާނެ އެހެން ގައުމުތަކުގައި. ދެން މިއަހަރު މުބާރާތް އިއުލާނުކުރުމާއެކު ދެން ހުރިހާ ގައުމަކުން ޕްރެކްޓިސް މި ފެށީ އިންޑޯގައި. އެހެންވީމަ އެއީ ޗެލެންޖެއް. ދެން އެ ޗެލެންޖާ އެކުވެސް ސަރަހައްދީ ގައުމުތަކަށް ރަނގަޅު ފައިޓެއް ދީ، ރަނގަޅު ހިސާބަކަށް ދާން މި ވިސްނަނީ،" އާތީ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ވިމަންސް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ވިމަންސް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ވިމަންސް ފުޓްސަލް ޗެމްޕިއަންޝިޕް