ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުން މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަން ތައްޔާރުވެއްޖެއެވެ.

މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕަކީއިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ޓުއާގައި ހިމެނޭ އިވެންޓެކެވެ. އެ މުބާރާތް އިންތިޒާމުކުރަނީ ރޯޔަލް މޮރޮކަން ސާފިން ފެޑަރޭޝަން (އެފްއާރްއެމްއެސް) އިންނެވެ. މުބާރާތަކީ އައިބީސީން ރުހުން ދީފައިވާ މުބާރާތެކެވެ.

މިއީ ރާއްޖޭން ޓީމެއް ގޮތުގައި ދުނިޔޭ ފެންވަރުގެ މުބާރާތެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުން އައިބީސީ ވޯލްޑް ޓުއާ އިވެންޓްތަކުގައި ވާދަކޮށްފައިވާ އިރު، އެ އެތުލީޓުން ވާދަކޮށްފައި ވަނީ އިންޑިވިޖުއަލީއެވެ.

މޮރޮކޯ މުބާރާތުގައި ޖޫނިއާ ޑިވިޝަނެއްވެސް ބާއްވާ އިރު، އެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 31 އާއި އަންނަ މަހުގެ އެެއްވަނަ ދުވަހުއެވެ. އޭގެފަހުން ސީނިއާ ޑިވިޝަން ކުރިއަށްދާނީ އަންނަ މަހު ދެއަކުން 12 އަށެވެ. ރާއްޖޭގެ ޓީމު އިވެންޓަށް ފުރާނީ މިމަހުގެ 23 ވަަ ދުވަހުއެވެ.

ރާއްޖޭން އިވެންޓަށް ވަމުންދާ ތައްޔާރީތަކުގެ އިތުރުން ސްކޮޑުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހާއްސަ ޕްރެސްއެއް ބާވާފައިވާ އިރު، އެ ޕްރެސްގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ ރާއްޖޭގެ އެތުލީޓުންނަށް ޓީމެއްގެ ގޮތުގައި ގޮސް ބައިނަލްއަގުވާމީ ރަނގަޅު ލެވަލްއެއްގެ މުބާރާތެއްގައި ވާދަކުރަން ލިބުމަކީ، މީގެ ކުރިން ރޭންކިންގައި ހޯދާފައިވާ ކާމިޔާބީތަކަށް ވުރެން ރަނގަޅު ހިސާބަކަށް ދާން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގައި އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ރަޝް ވާހަކަ ދައްކަވަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރަޝް އިތުރަށް ވިދާޅުވީ މޮރޮކޯ މުބާރާތަށް ދާން ޓީމަށް ސްޕޮންސަރުންގެ ސަޕޯޓް ލިބިގެންގޮސްފައިވާ ކަމަށާއި، ޖޫނިއާ މުބާރާތާއި ސީނިއާ މުބާރާތަށްވެސް އެތުލީޓުން ގެންދެވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި އެތުލީޓުންވެސް ބައިވެރިވެފައިވާ އިރު، އެތުލީޓުން ފާހަގަކުރީ ޓީމެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރަން ލިބުމުގެ މުހިއްމު ކަމެވެ. މީގެ ކުރިން އިންޑިވިޖުއަލީ ވާދަކުރާ ނަމަވެސް، ޓީމެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށް އެތުލީޓުން ފާހަގަކުރިއެވެ.

https://web.facebook.com/share/p/1Yp2B2cQr3/

މޮރޮކޯއަށް ދާ ރާއްޖޭގެ ސްކޮޑު

  • އާމިން އުމަރު މޫސާ - ސީނިއާ ޓީމް
  • އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) - ސީނިއާ ޓީމް
  • މުހައްމަދު ކައިފް - ސީނިއާ ޓީމް
  • އަޝްރަފް ހަސަން - ސީނިއާ ޓީމް
  • އިޔަން އަހުމަދު - ޖޫނިއާ ޓީމް
  • ހަސަން ރަޝީދު (ރަޝް) - ޓީމް މެނޭޖަރު

ރާއްޖޭގެ ބޮޑީބޯޑިން އެތުލީޓުންނަކީ އަބަދުވެސް ބައިނަލްއަގުވާމީ ލެވެލްގައި ފާހަގަކޮށްލެވޭ އެތުލީޓުންތަކެކެވެ. އެގޮތުން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އައިބީސީ ވޯލްޑް ޓުއާ އިވެންޓް، ވިސިޓް މޯލްޑިވްސް ޕްރޯގައި އާމިން ވަނީ ޖޫނިއާ ޑިވިޝަން ދެވަނަ ހޯދައިފައެވެ. އަދި ކުޑަ އައްޔަ ވަނީ އެ އިވެންޓްގެ ޑްރޮޕް ނީ ކެޓަގަރީގެ ތިންވަނަ ހޯދައިފައެވެ.

އޭގެ އިތުރުން އައިބީސީ ވޯލްޑް ޓުއާ 2023 ގައި އާމިން ވަނީ ހަތަރު މުބާރާތެއްގައި ވާދަކޮށްފައެވެ. އެފަހަރު އާމިން ނިންމާލީ ދުނިޔޭ ޖޫނިއާ ރޭންކިން 10 ވަނައިގައެވެ. އޭގެ އިތުރުން އިޔަންވެސް ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ ޓުއާގެ ދެ މުބާރާތެއްގައި ވާދަކޮށްފައެވެ.

މިއަދުގެ ޕްރެސްގައި ބޮޑީބޯޑިން ލެޖެންޑް ކުޑަ އައްޔަ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަދުގެ ޕްރެސްގައި ރަޝް ވަނީ ސްޕޮންސަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. މޮރޮކޯއަށް ދާ ޓީމުގެ ސްޕޮންސަރުންނަކީ ޔޫރޯ ސްޓޯރު، މުލަ މޯލްޑިވްސް، ޔުނިވާސަލް ފައުންޑޭޝަން، ކަމަނަ ކަލޯ، ކޯމަސް ބިއުޓީ، މަސޮރު، ހައިލައިން ޓުއާސް، ކްރީމީ ވޭވް އަދި ސީ ސްޕޯޓްސްއެވެ.