ރާއްޖެއިން ބޭރުން އާސަން ދޭއިރު، ބަލިމީހާގެ އަތުން އެއްބައި ފައިސާ ނަގަން އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދީފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިއަދުވަނީ "އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް" އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އާސަންދަ ސްކީމުން ކުރާ ހަރަދުގެ ތެރެއިން އެންމެ ބޮޑު ޕަސަންޓެއް ހިއްސާކުރަނީ ބޭހަށް ކުރާ ހޭދައަށް ކަމަށާއި، އެގޮތުން އެވެރެޖުކޮށް އަހަރަކު 924،820،014 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރާ ކަމަށެވެ. އެ ހަރަދު އަހަރަކު ހަތް ޕަސަންޓަށް އިތުރުވަމުންދާކަމަށް ރިޕޯޓުގައި ބުންޏެވެ.
"ފަރުވާ ހޯދާ ފަރާތްތަކުގެ ފަރުދީ ޒިންމާ އިތުރުކޮށް، ސްކީމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށް ކޯ- ޕޭމަންޓު ސިސްޓަމް ތައާތަފްކުރުމަށް" އޮޑިޓާ ޖެނެރަލް އޮފީހުން ދިން ލަފާގައި ބަޔާންކޮށްފައިވެއެވެ.
އާސަންދައިގެ ހަރަދުތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވާއިދު" ތަންފީޒުކޮށް، ބޭހުގެ އަގު ކޮންޓްރޯލް ކުރެވިފައިނުވުމެވެ.
އެހެންވެ އޮޑިޓާ ޖެނެރަލް އޮފީހުންވަނީ ބޭހުގެ މެކްސިމަމް ރީޓެއިން ޕްރައިސް ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވާއިދުތައް، ތަންފީޒުކުރަން ލަފާދީފައެވެ.
އާސަންދަ ސްކީމުން، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް 2019 އިން ފެށިގެން 2024 ގެ ނިޔަލަށް 3،104،472،429 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.
އެ މުއްދަތުގައި ކްލިނިކުތަކަށް ހަރަދުކޮށްފައިވަނީ 779،809،360 ރުފިޔާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. ކްލިނިކްތަކަށް ކުރާ ހަރަދު އަހަރު 18 ޕަސަންޓަށް އިތުރުވަމުންދާކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށާއި، ބޭސް ފަރުވާއަށް ދައުލަތުން ކުރާ ހޭދައިގެ މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހަރަދާއި، ސްކީމުގެ ބޭރުން ބޭސްފަރުވާއަށް ކުރާ ހަރަދެވެ.
"އެގޮތުން، 2019 އިން 2024 އަށް ޖުމްލަ 35،809،973.681 ރުފިޔާ، ބޭސްފަރުވާއަށް ހޭދަ ކޮށްފައިވާއިރު، މިއީ އެވެރެޖުކޮށް އަހަރުތަކަށް 5،968،328.947 ރުފިޔާ" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
މުހައްމަދު އިޝާން
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް
އޮޑިޓާ ޖެނެރަލް