އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު މޫސާ ރަޝީދު (އެސްޕީ) ހަމަޖައްސައިިފިއެވެ.

އެސްޕީ އެ މަގާމަށް ހަމަޖެއްސީ މީގެ ކުރިން އެސޯސިއޭޝަނުގައި އެމަގާމު ފުރަމުން ދިޔަ ތަޖުރިބާކާރު ކޯޗު، އަހުދު ފާއިލްގެ ބަދަލުގައެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު އަދާކުރަމުންދާ އެސްޕީއަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް)ގެ ޓްރެކް އެންޑް ފީލްޑް ކޯޗިންގެ ލެވަލް 5 ފުރިހަމަކޮށްފައިވާ ކޯޗެކެވެ. އެއީ އެތުލެޓިކްސް ކޯޗިންގެ އެންމެ މަތީ ފާހެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ކޯޗަސް ޑިވެލޮޕްމަންޓް ޑިރެކްޓަރެއްގެ ގޮތުގައިވެސް އެސްޕީ ކުރިން މަސައްކަތް ކޮށްފައިވާ އިރު، އޭނާއަށް ވަނީ ޒުވާނުންގެ އާންމު ހިދުމަތުގެ ގައުމީ އިނާމާއި ގައުމީ އިނާމުވެސް ލިބިފައެވެ.

ކުޅިވަރު ގައުމީ މަޖިލީހުގައި އޮލިމްޕިކް ކުޅިވަރު ތަމްސީލްކުރާ މެމްބަރަކަށް 2023-2025 އަށް ހުރި އެސްޕީ ވަނީ ގައުމީ އެތުލެޓިކްސް ކޯޗަކަށް 2003-2007 އަށް މަސައްކަތްކޮށްފައެވެ. އަދި، ގްރީސްގެ އެެތެންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ކޯޗަކީ ވެސް އެސްޕީއެވެ.

އެސްޕީއަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސްކަންވެސް ކޮށް، މާޝަލް އާޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމާއި ޖިމްނާސްޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއާމަންކަންވެސް އަދާކޮށްފައިވާ ފަރާތެކެވެ.