ސިއްހީ ހިދުމަތާއި، ބޭސް ފަރުވާގެ ކަންކަމަށް ފަސް އަހަރުގެ ތެރޭގައި 35 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދުވަނީ "އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް" އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށާއި، ބޭސް ފަރުވާއަށް ދައުލަތުން ކުރާ ހޭދައިގެ މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހަރަދާއި، ސްކީމުގެ ބޭރުން ބޭސްފަރުވާއަށް ކުރާ ހަރަދެވެ.

"އެގޮތުން، 2019 އިން 2024 އަށް ޖުމްލަ 35،809،973.681 ރުފިޔާ، ބޭސްފަރުވާއަށް ހޭދަ ކޮށްފައިވާއިރު، މިއީ އެވެރެޖުކޮށް އަހަރުތަކަށް 5،968،328.947 ރުފިޔާ" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކަށް ދައުލަތުން ކުރާ ހަރަދު ފިޔަވައި، ދެން އެންމެ ބޮޑު ހަރަދެެއް ދައުލަތުގެ ބެޖެޓުން ކުރަނީ އާސަންދަ ސްކީމަށްކަމަށް ރިޕޯޓުގައިވެއެވެ.

"އެގޮތުން 2019 އިން 2024 އަށް ޖުމްލަ 16،078،780،958 ރުފިޔާ ސްކީމަށް ހަރަދުކޮށްފައިވާއިރު، މިއީ އެވެރެޖުކޮށް އަހަރަކަށް 2،679،796،826 ރުފިޔާ" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން އާސަންދަ ސްކީމުން ކުރާ ހަރަދުގެ ތެރެއިން އެންމެ ބޮޑު ޕަސަންޓެއް ހިއްސާކުރަނީ ބޭހަށް ކުރާ ހޭދައަށް ކަމަށާއި، އެގޮތުން އެވެރެޖުކޮށް އަހަރަކު 924،820،014 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރާ ކަމަށެވެ. އެ ހަރަދު އަހަރަކު ހަތް ޕަސަންޓަށް އިތުރުވަމުންދާކަމަށް ރިޕޯޓުގައި ބުންޏެވެ.

އެ ހަރަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވާއިދު" ތަންފީޒުކޮށް، ބޭހުގެ އަގު ކޮންޓްރޯލް ކުރެވިފައިނުވުމުގެ ސަބަބުންކަމަށް ރިޕޯޓުގައި ބުންޏެވެ.

އާސަންދަ ސްކީމުން، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް 2019 އިން ފެށިގެން 2024 ގެ ނިޔަލަށް 3،104،472،429 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.

އެ މުއްދަތުގައި ކްލިނިކުތަކަށް ހަރަދުކޮށްފައިވަނީ 779،809،360 ރުފިޔާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. ކްލިނިކްތަކަށް ކުރާ ހަރަދު އަހަރު 18 ޕަސަންޓަށް އިތުރުވަމުންދާކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.