ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް އަމިއްލައަށް އުފެއްދި ޕްރޮފެޝަނަލް ޓެނިސް ޕްލޭޔާސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން އެއްކޮށް ދުރަށް ޖެހިލަން އޭނާ ނިންމައިފިއެވެ.
ޖޮކޮވިޗަކީ ޕީޓީޕީއޭގެ ކޯ ފައުންޑާއެކެވެ. 2020 ވަނަ އަހަރު އޭނާ ޕީޓީޕީއޭ ވުޖޫދުކުރީ ވަސެކް ޕޮސްޕިސިލްއާއެކުގައެވެ. ޕީޓީޕީއޭގެ މަގުސަދަކީ ކުޅިވަރުގެ ތެރޭގައި ކުޅުންތެރިންގެ ހައްގުތަކަށް އަޑު އުފުލައި، ހައްގުތަކަށް ވަކާލާތުކުރުމުގެ މަގުސަދުގައެވެ.
ޖޮކޮވިޗް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕީޓީޕީއޭ ފުރަތަމަ އުފެއްދީ ރަނގަޅު މަގުސަދެއްގައި ނަމަވެސް، މިހާރު އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ އަސްލު މަގުސަދުގައި ނޫން ކަމަށެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ރަމްޒުކޮށްދޭ އެއްވެސް ހަމައެއް މިހާރު ޖަމިއްޔާ ތެރޭގައި ނުހިނގާ ކަމަށްވެސް ޖޮކޮވިޗް ބުނެފައިވެއެވެ.
ޖޮކޮވިޗް ބުނީ އޭނާގެ އުންމީދަކީ އަދިވެސް ޕީޓީޕީއޭގެ މަސައްކަތްތައް ހަމަ މަގަށް އެޅިގެން ދިޔުން ނަމަވެސް، މިވަގުތު އޭނާގެ ފޯކަސް އެ ޖަމިއްޔާއަށް ނެތް ކަމަށެވެ.
ޖޮކޮވިޗްގެ ސްޓޭޓްމަންޓްގައި އިތުރަށް ބުނީ ޕީޓީޕީއޭއަކީ މިހާރު ދެފުށް ފެންނަ ގޮތެއްގައި ކަންކަން ކުރާ ޖަމިއްޔާއެއް ނޫން ކަމަށެވެ.
ޖޮކޮވިޗްގެ އެ ވާހަކަތާ ގުޅިގެން ޕީޓީޕީއޭއިން ބުނީ އެ ޖަމިއްޔާއަކީ ވަކި ކަމެއްގައި ކުޅުންތެރިންގެ އަޑު އުފުލާ ޖަމިއްޔާއެއް ނޫން ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް ކުޅުންތެރިންނަށްޓަކައި އެ ޖަމިއްޔާއިން ވަކާލާތު ކުރާނެ ކަމަށެވެ.
ޖޮކޮވިޗާއި ޕީޓީޕީއޭއާ ދެމެދު މައްސަލަ ޖެހެން ފަށާފައި ވަނީ އެ ޖަމިއްޔާއިން ޓެނުގެ ދުނިޔޭ ފެޑަރޭޝަނާއި އޭޓީޕީގެ އިތުރުން ޑަބްލިޔުޓީއޭއާ ދެކޮޅަށް އިންޓަނޭޝަނަލް ޓެނިސް އިންޓަގްރިޓީ އެޖެންސީއަށް މައްސަލައެއް ވެދުމުންނެވެ. އެއީ ކުޅިވަރުގެ ވާދަވެރިކަން ގެއްލޭ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބުނެއެވެ.
އެ މައްސަލައަށް ފަހުން ގްރޭންޑް ސްލޭމް މުބާރާތް އޮގައިޒް ކުރާ ފަރާތްތައްވެސް އިތުރު ކޮށްފައިވާ އިރު، އެފަހަރު ޖޮކޮވިޗް ބުނީ އެ މައްސަލައިގައި ބަޔާންކުރާ ހުރިހާ ކަމަކަށް އެއްބަސްވެވެން ނެތް ކަމަށެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް