ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މިރޭ ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބުރުން ގްރީން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ނަތީޖާއާއެކު ލީގުގެ ހަތަރު ވަނައިގައި ބުރު އޮތީ 13 މެޗުން 23 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތް އިރު، އެޓީމަށް ލިބިފައި ވަނީ 12 މެޗުން 23 ޕޮއިންޓެވެ. ނިއުއިން މަގާމު ދަމަހައްޓަން މާދަމާ ނުކުންނަން ޖެހޭނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މިވަގުތު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ އަށްވަނައިގައެވެ. އެއީ ކުޅުނު 13 މެޗުން އަށް ޕޮއިންޓާއެކުގައެވެ.

މިރޭ ކުޅުނު މެޗުގެ 37 ވަނަ މިނެޓުގައި ބުރުން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ހަޑްސަން ޑިއާޒެވެ. އެ ގޯލަކީ ގްރީންގެ ނައިޖީރިއާ ކީޕަރު އޯޖޯ ޖެހި ބޯޅައެއް ބުރުގެ އަލީ ހަމްދާނަށް ލިބުމުން، އޭނާ ޖައްސާލި ބޯޅައެއްގައި ހަޑްސަން ޖެހި ގޯލެކެވެ.

ބުރުގެ ދެވަނަ ގޯލް ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ބުރަށް ދެވަނަ ގޯލް ޖަހައިދިނީ ނާއިމްއެވެ. ގްރީންގެ ފަހަތުން ހެދި ގޯހެއްގައި ނާއިމްއަށް ލިބުނު ބޯޅަ އޭނާ އަމާޒުކޮށްލީ ސީދާ ގޯލްގެ ކަނަށެވެ.

ބުރުން ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ އިރު، 85 ވަނަ މިނެޓުގައި އެޓީމުން ތިންވަނަ ގޯލެއް ޖެހިއެވެ. ނާއިމްއަށް އޭރިއާ ތެރެއިން ކުރި ފައުލެއްގައި ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ބަދަލަކަށް ކުޅެން ނުކުތް އަބްދުﷲ ޔާމީން (ޔާނު) އެވެ.

މިރޭގެ މެޗަށް ޔާނު ނުކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ.

ގްރީނުން މިރޭގެ މެޗުގައި ހަމައެކަނި ގޯލް، މެޗުގެ ފަހުކޮޅުގައި ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ، އަލް ސައްޔިދު އަބްދުލް ފައްތާހެވެ.