ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ އެއްވަނަ ދުވަހުގެ ފެށިގެން މިއަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

"ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެ" ބީއެމްއެލުން ބުންޏެވެ.

މި އިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ:

  • މެލޭޝިއާގެ ޖޮހޯއަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)
  • ލެގޯލޭންޑަށް އެއް ދުވަހުގެ އެޑްމިޝަން ފާސް
  • ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން

ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ފަސް ނަސީބުވެރިން ހޮވާނެކަމަށް ބީއެމްއެލުން ބުންޏެވެ.

އެއިން ކޮންމެ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު އަދި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/back-to-school ލިބެން ހުންނާނެކަމަށް ބީއެމްއެލުން ބުންޏެވެ.