މާލެއިން، ތިންކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ (27އ) އަދި އއ. ފެރިދޫ، އިހުރާމްގެ، އާއިޝަތު މާޝާ އަހުމަދު (20އ) އެވެ.

ފުލުހުން މިރޭ ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމެންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، އެ އޮޕަރޭޝަންގެ ތެރެއިން ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ގެއިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.