ރާއްޖޭގައި ކެންސަރު ބަލި ގިނަވާން ދިމާވާ ސަބަބެއް އަދި ހޯދިފައިނުވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ކެންސަރު ބަލި ޖެހެމެންދާ މީހުންގެ އަދަދު ގިނަކަން ދިރާސައެއް ނުކުރި ނަމަވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެކަމަކު އެނގެން ނެތް ކަމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތައް، އެއީ އެކި ގޮތްގޮތަށް ޖެހޭ ބައްޔަކަށް ވުމާ އެކު ވަކި މިވެނި ސަބަބަކާހެދިއޭ މިހެން ޖެހެނީ، އެއީ އަޅުގަނޑުމެންނަށް ހެދިފައި އޮތް ސްޓަޑީއެއް ނޫން. އަދި އެނގެން އޮތް ކަމެއް ވެސް ނޫން،" ނާޒިމް ވިދާޅުވިއެވެ.

"ބައެއް ހާލަތްތަކުގައި އެއީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އަންނަ ކަމެއް. އަނެއްބައި ފަހަރު އެއީ އާއިލީ ގޮތުން ވެސް އަންނަ ކަމެއް ކަމަށް ވަނީ،"

ނާޒިމް ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ކެންސަރު ކަމަށެވެ. ސަރުކާރުން ދުންފަތާ ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުގެ ސަބަބުން، މުސްތަގުބަލުގައި އެކަމަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ "އާލީ ޑައިގްނޯސިސް" ނުވަތަ ކުރިއާލަ ބަލި ދެނެގަތުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެހެންވެ ސަރުކާރުން ދަނީ ރަށްރަށުގައި އެފަދަ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖައްސަމުންކަމަށް ނާޒިމް ވިދާޅުވިއެވެ.