ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ޝަރުއީ ސަރުކާރަށް ރާއްޖެއިން ދެމުންގެންދާ ތާއީދު ދަމަހައްޓާނެކަން ރާއްޖޭން އަލުން ކަށަވަރުކޮށްދީފި އެވެ.

ޔަމަނުގެ އެއްބައިވަންތަކަމާއި ސަރަޙައްދީ ފުރިހަމަކަމަށް ތާއީދުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔަމަނުގެ ޖުމްހޫރިއްޔާގައި ހިނގަމުންދާ ކަންތައްތައް ދިވެހި ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މަޝްވަރާގެ މަރުހަލާގެ ތެރެއިން ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ފުޅާ ދާއިރާއެއްގައި ވާހަކަދެއްކުމަށް ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލުން ގޮވާލާފައިވާ ގޮވާލުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ޔަމަނުގެ ސަލާމަތާއި ހަމަޖެހުމަށް ދޭ އަހައްމިއްޔަތު ކަށަވަރުކޮށްދީ، މަޝްވަރާއާއި ޑިޕްލޮމަސީގެ ޒަރީއާއިން ސުލްހަވެރި ހައްލެއް ހޯދުމަށް ބާރުއެޅުމުގެ ގޮތުން، ސައުދީގެ ރިޔާދުގައި ކޮންފަރެންސް ބޭއްވުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތަށް ވެސް ރާއްޖޭން މަރުހަބާ ކިޔާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔަމަނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން، ސައުދީ އަރަބިއްޔާއިން ހުށަހެޅި މަޝްވަރާގެ ދައުވަތަށް ވަނީ މަރުހަބާ ކިޔާފަ އެވެ. ޔަމަނުގެ ދެކުނުގައިވާ އެސްޓީސީގެ މަރުކަޒުތަކަށް އަމާޒުކޮށް ރިޔާދުން ނުރައްކާތެރި ހަމަލާތަކެއް ދިންތާ އަދިވީ މަދު ދުވަސްކޮޅެކެވެ.

އިއްޔެ އެސްޓީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ މި އިސްނެގުމަކީ "ދެކުނުގެ ރައްޔިތުންގެ އުންމީދުތައް" ހިމާޔަތްކޮށްދޭނެ "ސީރިއަސް މަޝްވަރާތަކަކަށް ލިބުނު ހަގީގީ ފުރުސަތެއް" ކަމަށެވެ.

މި ބަޔާން ނެރެފައިވަނީ، "ދެކުނުގެ މައްސަލައަށް އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ފުރިހަމަ ތަސައްވުރެއް އެކުލަވާލުމަށްޓަކައި" ރިޔާދުގައި ބާއްވާ ފޯރަމެއްގައި ބައިވެރިވުމަށް ސައުދީ ހާރިޖީ ވުޒާރާއިން ޔަމަނުގެ ދެކުނުގެ ފެކްޝަންތަކަށް ގޮވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ޔަމަނުގެ ދެކުނުގައި ހަމަނުޖެހުންތައް އުފެދުނީ، ޔަމަނުގެ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރާ ހަޒްރަމައުތު އަދި އަލް-މަހްރާ ޕްރޮވިންސްތަކުގައި އެސްޓީސީން މިދިޔަ މަހު ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ފެށުމާ ގުޅިގެންނެވެ.

މީގެ ސަބަބުން، ހަޒްރަމައުތު ޕްރޮވިންސާ ބޯޑަރު ހިއްސާކުރާ ސައުދީ އަރަބިއްޔާއިން ވަނީ، އެ ގައުމުގެ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް ބުނެ، ބޯޑަރު ސަރަހައްދުތަކުގައިވާ އެސްޓީސީގެ މަރުކަޒުތަކަށް ހަމަލާތަކެއް ދީފައެވެ.