ޔަމަނުގެ ހޫތީންނާ ދެކޮޅަށް މަސައްކަތްކުރާ ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން އެ ގައުމުގެ ސަޢުދާ ޕްރޮވިންސްގައި ހުރި ބެލިސްޓިކް މިސައިލް ފޮނުވާ ޕްލެޓްފޯމެއް ހަލާކުކޮށްލައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ ސައޫދީ އަރަބިއްޔާގެ ދެކުނު ސަރަހައްދަށް ހޫތީން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލުމުގެ ގޮތުން ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި މިސައިލް ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް އަމާޒަށް ވާސިލުވެ މުޅިން ހަލާކުވެފައިވާ ކަމަށް ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވިއެވެ.
ހޫތީ ޖަމާއަތުން ދަނީ ޔަމަނުގެ އުތުރުގެ ސަރަހައްދުތަކުން ސައޫދީ އަރަބިއްޔާގެ ނާޒުކު ވަސީލަތްތަކަށާއި އާންމު ސަރަހައްދުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. ސައޫދީ ކޯލިޝަނުން ބުނެފައިވަނީ އަންމުން ރައްކާތެރިކުރުމަށާއި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަޅާން ޖެހޭ އަސްކަރީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައަށް އަހަރުތަކެއް ވެފައިވާއިރު، އެ ސަރަހައްދުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ނާޒުކުވެފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ދެފަރާތުންވެސް ހަމަލާތައް ހުއްޓާލައި، ސުލްހަވެރި ސިޔާސީ ހައްލެއް ހޯދަން ގޮވާލަމުންނެވެ.
ނަމަވެސް، ހޫތީންގެ ހަމަލާތައް އިތުރުވަމުންދިއުމާއެކު ސައޫދީ ކޯލިޝަނުން ދަނީ ޔަމަނުގެ ސަޢުދާއާއި ސަންޢާގެ އަސްކަރީ އަމާޒުތަކަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކުރަމުންނެވެ.
ކޮމެންޓް