އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގަދަ 16 ގެ މެޗުތައް ރޭ ފަށާފައިވާ އިރު، ސެނެގާލާއި މާލީވެސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކުރިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސެނެގާލުން ރޭ ސޫދާން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ފެވަރިޓުންގެ ގޮތުގައި ސެނެގާލް އޮތް އިރު، އެޓީމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސެންޓަ ބެކް އަދި ޓީމުގެ ކެޕްޓަން ކަލިދޫ ކުލިބާލީ ސަންޕެންޝަނުގައި ހުރުމެވެ.
ކުލިބާލީއާ ނުލައި ރޭގެ މެޗަށް ނުކުތުމަކީ ސެނެގާލަށް ހާސްކަމަކަށްވެފައި އޮއްވާ، މެޗު އިތުރަށް އުނދަގޫވީ ސޫދާނުން ލީޑު ނެގުމުންނެވެ. މޮރޮކޯގެ ގްރާންޑް ސްޓޭޑް ޑެ ޓަންގާގައި ކުޅުނު މެޗުގައި ސޫދާނަށް ލީޑު ނަގައިދިނީ އާމިރް އަބްދުﷲއެވެ.
އެ ގޯލާއެކު ސޫދާނުން އުންމީދީ ފެށުމަކުން ފެށި ނަމަވެސް، ޕަޕޭ ގޭއީ ވަނީ ހާފު ނިމުމުގެ ކުރިން ދެ ގޯލް ޖަހައި، ނަތީޖާ އަނބުރާލައިފައެވެ. ސެނެގާލުން ކުއާޓާ ޔަގީންކުރީ 77 ވަނަ މިނެޓުގައި އިބްރާހީމް އެމްބާޔޭ ޖަހައިދިން ގޯލާއެކުގައެވެ.
މާލީން ގްރޫޕް އޭގައި ކުޅުނު ހުރިހާ މެޗަކުންވެސް އެއްވަރުވެ، ގްރޫޕްގެ ދެވަނައާއެކު ގަދަ 16 އަށް ނުކުތީ ޓިއުނީޝިއާއާ ދެކޮޅަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މާލީ މޮޅުވީ 3-2 އިންނެވެ.
އެއީ ތަފާތު ނަތީޖާއެކެވެ. މެޗުގެ 26 ވަނަ މިނެޓުގައި މާލީގެ ވޯޔޯ ކުލިބާލީއަށް ދެއްކި ރަތް ކާޑާއެކު އެޓީމުން ކުޅުންތެރިޔަކު މަދުން ކުޅެފައިވާ އިރު، ޓިއުނީޝިއާއިން ވަނީ މެޗުގެ 88 ވަނަ މިނެޓުގައި ފިރާސް ޗައޫޓް ޖެހި ގޯލުން ލީޑު ނަގައިފައެވެ.
އެ ގޯލާއެކު ނިމެން ދަނިކޮށް އިތުރު ވަގުތަށް ގެންގޮސްދީ، ޕެނަލްޓީއަށް މަޖުބޫރުކުރުވީ މާލީގެ ލަސީން ސިނަޔޯކޯ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.
މާލީން ކުއާޓާގައި ނުކުންނަން ޖެހޭ ސެނެގާލަކީ އެޓީމުގެ ޒަމާންވީ ވާދަވެރިއެކެވެ. އެމެޗު ފޯރިގަދަވާނެއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން