އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޫ ހައްޔަރުކޮށްފިއެވެ.

ވެނެޒުއެލާއަށް ހަމަލާދޭން ފެށުމާއެކު އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ފިލައިގެން ގައުމު ދޫކުރަން މަސައްކަތް ކުރުމާއެކު އެމެރިކާގެ މިލިޓަރީގެ ޑެލްޓާ ފޯސް އިން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެގައުމުގެ މިލިޓަރީ އިން ވެނެޒުއެލާއަށް ހަމަލާދިން ކަމަށާއި ރައީސް މަޑޫރޯވެސް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ މިލިޓަރީއިން މިއަދު ކުރިޔަށް ގެންދިޔަ ކުއްލި ހަމަލާތަކުގައި ވެނެޒުއެލާގެ މިލިޓަރީ ސައިޓުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާއިން ހަމަލާ ދިނުމާއެކު ވެނެޒުއެލާއިން ވަނީ ކުއްލި ހާލަތް އިއުލާންކޮށް އެމެރިކާއިން ދިން ހަމަލާ ކުއްވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގެޒް ވަނީ އެގައުމުގެ ރައީސް މަޑޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޯރެސް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ކޮންތަނެއްގައި ކަމެއް އަދި ސާފުނުވާ ކަމަށް ވިދާޅުވެފައެވެ.

ވެނެޒުއެލާގެ މިލިޓަރީ އިން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކަށް މިލިޓަރީގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން ވެނެޒުއެލާއަށް ހަމަލާދޭން ފަށާފައިވާއިރު އެގައުމުން ވަނީ ވެނެޒުއޭލާ ކަނޑުގެ ސަރަހައްދުގައި ޑްރަގާ ދެކޮޅަށް ކަމަށް ބުނެ އޮޕަރޭޝަނެއް ފަށައިފައެވެ.

ވެނެޒުއެލާގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ވަނީ ބައިނަލްއަގުވާމީ ޑްރަގުގެ ނެޓްވޯކުތައް ހިންގާކަމަށް ތުހުމަތުކޮށް އެކަމުގައި ފިޔަވަޅު އަޅަން ފަށައިފައެވެ. އަދި އެމެރިކާއިން މީގެ ކުރިން ވަނީ ވެެނެޒުއެލާގެ ރައީސް މަޑޫރޫ ހައްޔަރުކުރުމަށް މައުލޫމާތު ދޭ ފަރާތަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ދިނުމަށް ނިންމައިފައެވެ.