އިރާނުގެ މުޒާހަރާތައް ހޫނުވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ދޭން ފަށައިފިއެވެ.
އިރާނުގައި އެ ގައުމުގެ އާންމުން ކުރަމުން އަންނަ ބޮޑެތި މުޒާހަރާތަކަށް ހަތަރު ދުވަސް ވެފައިވާ އިރު، މުޒާހަރާގެ ބައިވެރިން ވަނީ އެ ގައުމުގެ ދެކުނު ޕާސް ޕްރޮވިންސުގައި ހުންނަ ސަރުކާރުގެ އިމާރާތްތަކަށް ވަދެ ގެއްލުން ދޭން ފަށައިފައެވެ.
މުޒާހަރާތަކުގައި ފަސާ ސިޓީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން ފުލުހަކަށް އަނިޔާވެފައިވާ އިރު، އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތަކަށް ބަދަލުވަމުން އަންނަ އިރު، ރިޕޯޓުތައް ބުނާގޮތުން އެގައުމުގެ ހަމެދާން އާއި ލޮރެސްތާން ޕްރޮވިންސުގައި ވެސް އާންމުން މުޒާހަރާތައް ކުރަމުންދެއެވެ.
އިރާނުގެ ވެރިރަށް ތެހެރާންގައި ވެސް މުޒާހަރާތައް ހޫނުވެފައިވާ އިރު، އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނުގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ އިތުރުން އާންމުންނަށް ހިދުމަތްދޭ ބައެއް އިދާރާތައް ބަންދު ކޮށްފައިވާ ކަމަށާއި އިރާނުގެ ސަރުކާރުން ކުއްލިގޮތަކަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަނޑައަޅާފައިވާ ކަމަށް އެގައުމުގެ ރިޕޯޓުތަކުން ބުނެއެވެ.
މި ހަފުތާގެ ކުރީކޮޅު އިރާނުގެ ވެރިރަށް ތެހެރާންގައި ފެށި މުޒާހަރާތަކަށްފަހު އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައި މުޒާހަރާތައް އިތުރުވެފައިވެއެވެ.
އިރާނުގެ އާންމުން މުޒާހަރާތައް ކުރަމުން އަންނަނީ އެގައުމުގެ ފައިސާގެ އަގުވެެއްޓި ޑޮލަރު ރޭޓު އާންމުކޮށް ލިބޭ ރޭޓު ބޮޑުވުމާ ގުޅިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
މުޒާހަރާތަކުގެ ސަބަބުން އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެގައުމުގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެގައުމުގެ ސަރުކާރުން އާންމުންގެ ކަންބޮޑުވުންތައް ގާތުން އަޑުއަހަމުން ގެންދާ ކަމަށާއި އެކަމުގައި ހައްލެއް ގެނެސްދޭނެ ކަމަށެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން