ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން، ދޭން ނިންމި ފައިސާ މިވަގުތު ނުދިނުމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
ނޫސްތަކަށް ފައިސާ ބެހުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައެޅި އުސޫލުގެ ދަށުން 39 މީޑިއާއަކަށް 28.2 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަހަރު ނިމެން ކުޑަތަންވެފައި ވަނިކޮށް، ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ރައްޔިތުންގެ ޓެކްސް ފައިސާއިން 39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުން އަންނަ މަސައްކަތް މިވަގުތަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މާލީ އެހީ ދިނުމުގެ އުސޫލު ހެދުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މިދިޔަ އޮކްޓޯބަރު މަހު ފަހުކޮޅު ހަވާލުކޮށް، މި މަހުގެ ކުރިން ފައިސާ ދޫކުރުމަށް ސަރުކާރުން ކޮމިޝަނަށް އެންގި އެންގުމާ ވިދިގެން، މި މުއްދަތުގެ ތެރޭގައި މީޑިއާތަކުގެ ހިޔާލު ހޯދުމަށް ކޮމިޝަނުން ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"ނޫސްވެރިކަމުގެ މަސައްކަތަކީ އާންމުންގެ މަސްލަހަތު އޮތް ކަމަކަށް ވެފައި، ފައިސާ ދޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ކޮމިޝަނުން މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެވޭ، މިހާ އަވަސް އަރުވާލައިގެން ފައިސާ ދޭން މަސައްކަތްކުރުމުން، މާލީ އެހީއަށް އެދުނު މީޑިއާތަކުގެ ތެރޭގައި ގަވާއިދުން ކޮންޓެންޓް ގެނެސް ނުދޭ އާންމުންނަށް ވެސް ނޭނގޭ އެތައް މީޑިއާއެެއް ހިމެނޭ ގޮތަށް ފައިސާ ދޫކުރުމަށް ވަނީ ނިންމައިފަ، އަދި ޕޮއިންޓް ލިބުނު ގޮތްތައް އާންމުކޮށްފައި ހުރި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިންސާފުވެރިކޮށް އެކަން ކޮށްފައިވާ ކަމާ މެދު ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ،" ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރަށް، ގަވައިދުން ނެރެމުންދާ ނޫހެއް ނުވަތަ މަޖައްލާއެއްކަން ކަށަވަރުކުރަން ކޮމިޝަނުން އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަން ފާހަގަވާ ކަމަށާއި، ދެފުށް ފެންނަ ގޮތަށް ހާމަކަން ބޮޑު އުސޫލަކުން މިކަން ކުރިއަށް ގެންގޮސްފައިނުވާތީ މީޑިއާތަކާ މެދު އާންމުންގެ އިތުބާރު ކުޑަވެ، ނޫސްވެރިކަމުގެ މަސައްކަތް ޑިސްކްރެޑިޓް ކުރުމުގެ ޖާގަ ބޮޑުވެގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޖޭއޭއިން ބުނީ، ދައުލަތުން އަމިއްލަ މީޑިއާތަކަށް އެއްވެސް ބާވަތެއްގެ އިނާޔަތެއް ދޭން ވާނީ އެ މީޑިއާއެއްގެ މަސައްކަތުގެ ސަބަބުން އާންމު މުޖުތަމައަށް ކުރާ ހެޔޮ އަސަރާއި އާންމުން އެ މީޑިއާއެއް ބަލައިގަނެފައިވާ މިންވަރު، ނުވަތަ މަގުބޫލު މިންވަރަށް ބެލުމަށް ފަހު، މީޑިއާތައް ރޭޓްކުރާނޭ ހަރުދަނާ މިންގަނޑެއް އެކުލަވާލައި ރޭޓިންއަށް ބަލައިގެން ކަމަށެވެ.
މިވަގުތަކީ މާލީ ދަތިކަމުގެ ސަބަބުން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފައިސާ ނުދެވި އިޖުތިމާއީ، ސިއްހީ ނިޒާމުން އާންމުންނަށް ލިބެން ޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއް ކަމުން މިއީ މީޑިއާތަކަށް ދައުލަތުން ހިލޭ އެހީދޭން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާތަކަށް އެހީދިން ނަމަވެސް އެއީ މީޑިއާތައް ދުވަހުން ދުވަހަށް ހިންގުމަށް ކުރަން ޖެހޭ ހަރަދަށް އެކަނި ދޭ އެހީއަކަށް ވެގެން ނުވާނޭ ކަމަށާއި ރާއްޖޭގެ ނޫސްވެރިކަމުގައި މިވަގުތު މަދު އާ ބާވަތްތަކުގެ ނޫސްވެރިކަން ކުރިއަރުވަން ޕްރޮޖެކްޓް ބޭސިސްކޮށް މީޑިއާ ހައުސްތަކަށް އެހީތެރިކަން ދިނުން މާ ރަނގަޅު ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެއް ފަހަރާ ގަނޑުކޮށް މީޑިއާތަކަށް ދޭ އެހީ ދިނުމަކީ އެ ފައިސާ ޒިންމާދާރުކަމާ އެކު ބޭނުންކުރާކަން ކަށަވަރުކުރަން އޮންނަ ދޮރު ބަންދުވާނޭ ކަމެއް ކަމުގައި ފާހަގަކުރާ ކަމަށްވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)