އަންހެން މުވައްޒަފުން ވަކި މިންވަރަކަށްވުރެ ކުރުނުވާނެހެން ހެދުން އަޅަން ޖެހޭ ގޮތަަށް، ދިވެހި ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
އެ ގަވާއިދަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިސްލާހު ގެނެސް، އިއްޔެ ގެޒެޓުގައި އާންމުކޮށްފައި މިވަނީ، ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އަހުލާގީ މިންގަނޑު ދަށްކަން ފާހަގަކުރައްވައި، އެ އުސޫލު ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާ އެރުވުމުންނެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އެ އިސްލާހުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އަންހެން މުވައްޒަފުން ހެދުން އެޅުމާ ބެހޭ މާއްދާއަށް ގެނައި އިސްލާހުތަކެވެ.
އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުން، އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެއެވެ. އެ ހެދުން ހުންނަންވާނީ ފައިގެ ތަނބިކައްޓަށްވުރެ ކުރުނުވާ ގޮތަށް ކަމަށާއި އެ ހެދުމަކީ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ހެދުމަކަށް ވާންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނީ ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހި ކަމުގައި ވާންވާނެ ކަމަށެވެ.
ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ކަރުވަޅު ނިވާވާ ގޮތަށް ކަމަށާއި އަދި އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށްވުރެ ކުރުނުވާ ވަރަށް ކަމަށެވެ. އަދި އަތްދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށްވުރެ ދިގުނުވާ ވަރަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވަނީ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށާއި އަދި އެފަދަ ހެދުމުގެ ދިގުމިން ހުންނަންވާނީ، ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ގޮތަށް ކަމަށެވެ. އަދި ފޮތި ވާންވާނީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން