މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ) ވެއްޓުނު ހާދިސާއަކީ މި އަހަރު އެންމެ ގިނަ ބަޔަކު އެވާހަކަ ދެއްކި ހާދިސާއެވެ. އެ ހާދިސާއާ ގުޅިގެން ޒުވާނުން ނުކުމެ، މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވައި ސަރުކާރަށް ޑިމާންޑްތައް ކުރިއެވެ.
ޔުމްނުގެ މައްސަލައިގެ ތުހުމަތު ސަރުކާރުގެ ސިޔާސީ ވަޒީފާތަކެއްގައި ތިބި ބަޔަކަށާއި ނުފޫޒު ގަދަ ބައެއް ފަރާތްތަކާ އާއިލީ ގުޅުން އޮންނަ ފަރާތްތަކަށްވެސް ކުރެވުނެވެ. އެ މައްސަލައިގައި ހުކުމެއް އައީ އެރޭ ޔުމްނުއާއެކީގައި ހ. ފެންޓެނޯއީގައި އުޅުނު ރައުދު އަހުމަދު ޒިލާލް އަށް އެކަންޏެވެ. އެއީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ޔުންމުގެ މައްސަލަ ދިރާސާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސް މެންބަރުންގެ ރިޔާސީ ކޮމިޝަނެއްވެސް އުފެއްދެވިއެވެ ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ. އެ ކޮމިޝަނަށް ރައީސްގެ ގަރާރަކުން މައްސަލަ ތަހުގީގުކުރުމުގެ ހުރިހާ ބާރުތަކެއް ދީ، އޭޕްރީލް 29 ގައި ރަސްމީކޮށް ކޮމިޝަންގެ މަސައްކަތްތައް ފެށުނެވެ.
އެ ތަހުގީގުގެ މަސައްކަތަށް ކޮމިޝަނުން 48 ދުވަސް ވަނީ ހޭދަކޮށްފައެވެ. ކޮމިޝަނުން ވަނީ އެ މުއްދަތުގެ ތެރޭގައި ކަމާ ގުޅުން ހުރި ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އަދި އޯޑިއޯ ހޯދައިފައެވެ. އޭގެ އިތުރުން ސަރުކާރުގެ ދެ މިނިސްޓަރެއް ހިމެނޭގޮތަށް ޖުމުލަ 69 ފަރާތަކާ ބައްދަލުކޮށްފައިވެއެވެ.
ރައީސްގެ އެންގެވުމުގެ މަތީން ކޮމިޝަނުން ތަހުގީގު ރިޕޯޓު އާންމުކޮށްފައިވާ އިރު، އާންމުންގެ ހިތުގައި އުފެދުނު ސުވާލުތަކަށް ރިޕޯޓުގައި ވަނީ ބަލައިފައެވެ. އެއީ މީހަކު ނުވަތަ ބަޔަކު ޔުމްނު ވައްޓާލީތޯ އާއި ޔުމްނު އަމިއްލަ އިހުތިޔާރުގައި އަމިއްލައަށް ފުރާޅުމައްޗަށް ފުންމާލީތޯ އާއި ޔުމްނު ވެއްޓުނީތޯ އަދި ވެއްޓުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯއެވެ.
ކޮމިޝަންގެ ރިޕޯޓުން އެ ސުވާލުތަކަށް ކަނޑައެޅިގެން ވަކި ޖަވާބެއް ނުލިބުނު ނަމަވެސް، ކޮމިޝަނަށް ބުރަވެވޭ ގޮތް ވަނީ ސާފުކޮށްދީފައެވެ. ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން، ކަނޑައެޅިގެން ސީދާ ޖަވާބެއް ދެވެން ނެތީ ޔުމްނުގެ ބަހާއި އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދަށް އެ ރޭ ކަން ހިނގައިދިޔަގޮތް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީއާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައިނުވާތީއެވެ.
ވައްޓާލީތަ؟
މި ސުވާލަށް ކޮމިޝަންގެ ޖަވާބަކަށް ވީ ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި ނަމަވެސް ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަ ވެވޭ ކަމަށެވެ. ކޮމިޝަނަށް ފެންނަނީ ރައުދު ގަސްތުގައި ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކަމަށް ފާހަގަކޮށްފައިވެއެވެ.
ފުންމާލީތަ؟
ކޮމިޝަންގެ ޖަވާބަކަށް ވީ އެ ރޭ ޔުމްނު އާއި ރައުދު ބައްދަލުވި ހިސާބުން ހާދިސާ ހިނގި ވަގުތާ ހަމައަށް އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގެން ނެތް ކަމާއި، އަދި ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުމުން، ކުޑަދޮރުން ޔުމްނު އަމިއްލަ އިހުތިޔާރުގައި ފުންމާލި ކަމަށްވެސް ބެލެވެން ނެތް ކަމަށެވެ.
ވެއްޓުނީތަ؟
މައްސަލައިގައި ކޮމިޝަނަށް ފެންނަނީ ނުވަތަ ބުރަވެވެނީ ޔުމްނު ވެއްޓުނީ ކަމަށެވެ. ސަބަބެއް ކަމަށް ކޮމިޝަނުން ބުނެފައިވަނީ ޔުމްނު އާއި ރައުދު ތިބީ މަސްތުގެ ހާލަތުގައިކަން އެނގެން އޮންނާތީ، އަދި އެމީހުންނާއެކު އުޅުނު މީހުންގެ ބަޔާނުން އެނގެން އޮންނާތީއެވެ.
އެހެން ބައެއްގެ ބައިވެރިވުމެއް އެބައޮތްތަ؟
ހ. ފެންޓެނޯއީ އިން ކޮމިޝަނަށް ވެސް ފެނުނީ ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުގެ މަންޒަރުތަކެވެ. ޔުމްނު އާއި ރައުދު ފިޔަވައި އިތުރު އެއްވެސް މީހަކު އެ ވަގުތުގެ ތެރޭގައި ފުޓޭޖުން ފެނިފައެއް ނުވެއެވެ. އަދި އެ ގޭގެ ޓެރަސް އަކީ ދޮރުގެ އެތެރެއިން ތަޅުދަނޑި ޖަހައިގެން ހުޅުވޭ ދޮރަކަށްވާތީ، ޓެރަސް އިން ވައްޓާލެވޭނެ ގޮތެއް ނެތް ކަމަށް ކޮމިޝަނުން ދެކެއެވެ.
ކޮމިޝަނުން ބުނީ ސީސީޓީވީ ފުޓޭޖުތަކަށް ބެލިބެލުމުން އެތަނުގައި ރައުދު އާއި ޔުމްނު ފިޔަވައި ތިންވަނަ ފަރާތެއް ހުރިކަން ފެންނަން ނެތް ކަމާއި، ހެކިންގެ ހެކިބަހާއި ފޮރެންސިކްގެ ރިޕޯޓުތަކަށް ބަލާއިރުވެސް ތިންވަނަ ފަރާތެއް އެތަނުގައި އެ ވަގުތު ހަރަކާތްތެރިވެފައިވާކަން އެނގެން ނެތުމުން ކުޑަދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީގޮތުން އެވެދާނެ ކަމަށް ނުފެންނަ ކަމަށެވެ.
ޔުމްނު ވެއްޓިފައި އޮތްތަން ފުރަތަމަ ފެނުނީ ކާކަށް؟ ކިހާއިރަކު؟
ހުރިހާ ކަމަކަށް ބެލުމަށްފަހު ކޮމިޝަންގެ ނިންމުމަކީ ޔުމްނު ފުރާޅުމައްޗަށް ވެއްޓުނީ އޭޕްރީލް 18 ގެ ފަތިހު 4:54:22 ގައި ކަމަށެވެ. އެގޮތަށް ކޮމިޝަނުން ނިންމީ އެ ވަގުތުގައި ބާރު އަޑެއް އިވިގެން ސިއްސައިގެން ގޮސް މީހަކު ހ. މިޓާޒްއާ ދިމާއަށް ބަލައިލިތަން ސީސީޓީވީ ފުޓޭޖުން ފާހަގަވެގެން، ނަސީރު އުއްދީން ކިޔާ ބިދޭސީ މީހަކާ ފުލުހުން ސުވާލުކުރުމުން ދިން ބަޔާނަށް ބަލައިގެންނެވެ. ނަމަވެސް ފުރާޅުމައްޗަށް މީހަކު ވެއްޓުނީ ކަމެއް އޭނާއަކަށް ނޭނގެއެވެ.
ޔުމްނު ވެއްޓުމުން ރައުދު އެހީތެރިކަމެއް ފޯރުކޮށްނުދީ، އެ ސަރަހައްދު ދޫކޮށް ދިޔަ އިރު، ދެން އެންމެ ފުރަތަމަ ޔުމްނު ވެއްޓިފައި އޮތް މަންޒަރު ފެނުނު މީހަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަކްޝޭ ގޯޕާލް އަށެވެ. އޭނާއަށް އެ މަންޒަރު ފެނުނީ އޭޕްރީލް 18 ގެ ހެނދުނު 7:10 ހާއިރު ހެނދުނު ހިނގާލަންް ނުކުތުމަށްފަހު އެނބުރި އޭނާ ދިރިއުޅޭ ގެ ކަމަށްވާ ހ. ނީލޯފަރު ގޭގެ ތިންވަނަ ފަންގިފިލާގެ ސިޑި ގޮޅިއާ ހިސާބަށް އެރިތަނާއެވެ.
އޭނާއަށް ވެސް މަންޒަރު ފެނިފައިވަނީ ދެ ގަޑިއިރާއި 15 މިނެޓު ފަހުންނެވެ. އެހެންކަމުން ފުލުހުން އެޓެންޑުކުރުމާ ހަމައަށް ޔުމްނު، އެހީތެރިކަމެއްނެތި ފުރާޅުމަތީގައި ދެ ގަޑިއިރާއި 30 މިނެޓަށްވުރެ ގިނަ ވަގުތު އޮންނާނެއެވެ.
ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތީ ކިހާވަރަކަށް؟
ފުލުހުންނަށް މައްސަލަ ރިޕޯޓުކުރި ހިސާބުން ފެށިގެން މައްސަލަ ތަހުގީގުކުރުމުގައި ވެސް އިހުމާލުތަކެއް ހުރިކަން ކޮމިޝަނުން ފާހަގަކުރެއެވެ.
ޔުމްނު ވެއްޓިފައި އޮތް މަންޒަރު ފުރަތަމަ ފެނުނު އަކްޝޭ ގޯޕާލް ދިން ބަޔާނުގައިވާ ގޮތުން، އޭނާ ދިރިއުޅޭ ގެ ކަމަށްވާ ހ. ނީލޯފަރު ގޭގެ ތިންވަނަ ފަންގިފިލާގެ ސިޑި ގޮޅިއާ ހިސާބަށް އެރިތަނާ، ފުރާޅުމަތީގައި އޮތް ޔުމްނު ހަރަކާތްކުރާތީ ތިރިއަށް ފައިބައި މަގުމަތިން ދިމާވި މީހަކު ކަމުގައިވާ ރައްޝާފު މުހައްމަދު ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ފުލުހުންނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރި ކަމަށާއި ފުލުހުން އެތަނަށް އައުން ލަސްވެގެން ދެވަނަ ފަހަރަށްވެސް ގުޅި ކަމަށެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓުކުރި ރައްޝާފުގެ ވާހަކަތައް ވެސް އަކްޝޭ ގޯޕާލްގެ ވާހަކަތަކާ ދިމާވެއެވެ.
"ފުލުހުން އައުން ލަސްވާތީ، 7:20 އާއި 7:30 އާ ދެމެދުގެ ވަގުތެއްގައި، ދެވަނަ ފަހަރަށް ގުޅި ކަމަށް ރައްޝާފު މުހައްމަދު ބުނެފައިވެއެވެ،" ކޮމިޝަނުގެ ރިޕޯޓުގައި ބުންޏެވެ.
ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމަށް ދެވަނަ ފަހަރަށް ގުޅި ފަހުން މާލެތެރެ ޕެޓްރޯލުކުރަމުންދިޔަ ދެ ފުލުހަކު އައުމުން، ޔުމްނު ދައްކާފައިވަނީ އަކްޝޭ ގޯޕާލް ކަމަށް ރިޕޯޓުގައި ބުންޏެވެ. އެ ފުލުހުންގެ ބަޔާނުގައިވާ ގޮތުން އަކްޝޭ ގޯޕާލްއާ ބައްދަލުވީ 7:29 ގައެވެ.
ދެން އޮތީ ފުލުހުންގެ ފަރުވާކުޑަކުރުމުގެ މައްސަލައެވެ. ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، އިންވެސްޓިގޭޓިވް އޮފިސަރަށް (އައިއޯ) އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. އަދި އައިއޯއަށް އެ ސަރަހައްދަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަން ޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓްގައި ބުނީ އައިއޯއަށް ލަހުން ދެވުމުގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެއްކުރެވިފައި ނުވާ ކަމަށާއި ފުލުހުންގެ މެނުއަލްއާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައިވެސް ނުވާ ކަމަށެވެ.
"ޔުމްނު އެ ރޭގައި އުޅުނީ ހ. ފެންޓެނޯއީ ގެ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި ކަމާއި އަދި ޔުމްނު އޮތީ ހ. މިޓާޒްގެ ފުރާޅުމަތީގައިކަން ތަހުގީގަށް އެނގިފައި އޮތް އިރު، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން އެނގެއެވެ. އަދި މައްސަލައިގެ އެންމެ މުހިންމު އެއް ތަން ކަމަށްވާ ޔުމްނު އޮތް ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތް ކޮށްފައިނުވާ ކަމާއި ކުށުގެ ވެށީގެ ބައުންޑަރީ ކަނޑައެޅިފައި ނެތް ކަމާއި ކުށުގެ ވެށި ރައްކާތެރި ކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ،" ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓްގައި ބުނީ އޭގެ ފަހުން އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ގޮސް ތަހުލީލަށް ބޭނުންވާ ބައެއް ހެކި ހޯދި ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލައިފައި ނުވާ ކަމަށެވެ. އަދި ޔުމްނު ވެއްޓިފައި އޮތީ ގުދަނެއް ހިންގާ ތަނެއްގައި ކަމަށްވެފައި އެތަނުގެ އެތެރެއަކީ ވެސް ބަލަން ޖެހޭ މުހިންމު ތަނެއް ނަމަވެސް އެތަންވެސް ބަލައިފައިނުވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ރިޕޯޓްގައި އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވަނީ ފަރުވާތެރިކަމާ އެކު ނޫން ކަމަށާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންގެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީތައް ރިވައިސްކޮށް އެ އެސްއޯޕީތަކަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށެވެ.
އެ ހާދިސާގައި ފަރުވާކުޑަ ކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
އައިޖީއެމްއެޗްގެ އިިހުމާލެއް އެބައޮތްތަ؟
ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން އައިޖީއެމްއެޗްގެ ޕެރަމެޑިކްސް ޓީމާއި އިމަޖެންސީ ރޫމް (އީއާރް) އަދި އައިސީޔޫ އިން އަމަލުކުރީ ހެދިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. ޔުމްނުއަށް ފަރުވާދިނުމުގައި މައްސަލައެއް ނެތެވެ.
ނަމަވެސް ކޮމިޝަންގެ ރިޕޯޓުގައި ވަނީ އައިޖީއެމްއެޗްގެ ފެމިލީ ޕްރޮޓެކްޝަން ޔުނިޓު (އެފްޕީޔޫ)ގެ އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ޔުމްނުއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އާއިލާގެ ފަރާތުން އެދުމުން، އައިސީޔޫ އިން ދެ ފަހަރަކު ގުޅުމުން އެފްޕީޔޫ އިން ކޯލަށް ޖަވާބުދީފައެއް ނުވެއެވެ. އޭޕްރީލް 20 ވަނަ ދުވަހުގެ ހަވީރު 6:00 ހާއިރު އާއިލާގެ ފަރާތުން އެކަމަށް އެދުމުން، އައިސީޔޫ އިން އެފްޕީޔޫއަށް ފުރަތަމަ ގުޅާފައިވަނީ އެ ދުވަހުގެ ރޭ 9:38 ގައެވެ. އަދި ދެވަނަ ފަހަރަށް ގުޅާފައިވަނީ ޖެހިގެން އައި އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 8:30 ގައެވެ.
އޭގެ ފަހުން އައިސީޔޫ އިން އެ ދުވަހުގެ ހެނދުނު 9:28 ގައި ގުޅާފައިވަނީ އެފްޕީޔޫގެ އެސޯސިއޭޓް ކައުންސެލަރު މަރިޔަމް ހަސަންގެ ފޯނަށެވެ. އޭނާއަށް މައުލޫމާތު ހިއްސާކޮށް، އަދި މެންދުރުފަހު 2:55 ގައި ތަފްސީލުކޮށް މައުލޫމާތު ހިއްސާކުރުމުން، އެކަމަށް އެޓެންޑުވާނެ ކަމަށް ބުނި ނަމަވެސް، އެކަމަށް އެޓެންޑުވެފައި ނުވާކަން ފާހަގަކުރެވޭ ކަމަށާއި އެކަމަށް އެޓެންޑުކުރެވިފައިވަނީ ޖެހިގެން އައި އޭޕްރީލް 22 ވަނަ ދުވަހު ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
"އަދި 22 އޭްޕރީލް 2025 ދުވަހު 9:45 ގައި އަލުން ފޮލޯއަޕް ކޯލެއް އައިސީޔޫ އިން ކުރުމުން، އެ ދުވަހުގެ 11:00 ގައި އެ މުވައްޒަފު އެތަނަށް ދާނެ ކަމަށް ބުނުމަށްފަހު، އެހާކަންހާއިރު ބަލިމީހާ ގާތަށް ދިއުމުން، ސާމްޕަލް ނެގުމަށްޓަކައި ލަސްވެފައިވާ ކަމަށްބުނެ އާއިލާއިން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ." ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
އެފްޕީޔޫގެ މުވައްޒަފުން އެކަމަށް އެޓެންޑު ނުކޮށް ދޫކޮށްލުމަކީ އެފްޕީޔޫގެ އެސްއޯޕީގައި އެތަނުގެ މުވައްޒަފު އަމަލުކުރަން ޖެހޭ ގޮތް ކަމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު އަމަލެއްކަން، ކަން ހިނގި ގޮތުގެ ޓައިމްލައިނާއި އައިސީޔޫގައި އެ ދުވަހު ޑިއުޓީގައި ތިބި ނަރުހުންގެ ބަހުންނާއި އެފްޕީޔޫގެ ސުޕަވައިޒަރު ފާތިމަތު ރިޝްތާ އަބްދުލްމަޖީދުގެ ބަހުންނާއި އެފްޕީޔޫގައި މަސައްކަތްކުރާ އެސޯސިއޭޓް ކައުންސެލަރު މަރިޔަމް ހަސަންގެ ބަހުން އެނގޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
ކޮމިޝަންގެ ރިޕޯޓުގައި ބުނީ އެފްޕީޔޫގެ މުވައްޒަފު އެޓެންޑު ނުވި ކަމުގައިވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް އެއްވެސް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އާއިލާގެ ފަރާތުން އެދިއްޖެ ނަމަ، އެފްޕީޔޫގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެން ވާނެ ކަމަށް ފެންނަ ކަމަށެވެ. އަދި އެފްޕީޔޫގެ އިން ލަސްނުކޮށް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރަން ޖެހޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
ޔުމްނުގެ ބަޔާން ނުލިބުމާއި، ރައުދުއަށް ހާދިސާގެ ކަންކަން ކުއްލިއަކަށް ހަނދާން ނެތުން!ފުލުހުންނެކޭ އެއްގޮތަށް ކޮމިޝަނަށް ވެސް ވަނީ ޔުމްނުގެ ބަޔާނެއް ހޯދުމަށް ދަތިތަކަކާ ކުރިމަތިވެފައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޔުމްނުގެ މަންމައަށް ފުރަތަމަ ކޮމިޝަނުން ގުޅުމުން ފަހުން ގުޅާނެ ކަމަށްބުނެ ފޯނު ކަނޑާލި ކަމަށް ރިޕޯޓުގައިވެއެވެ. އޭގެ އިރުކޮޅެއް ފަހުން ޔުމްނުގެ ޅިޔަނެއް ކަމަށްވާ މުހައްމަދު މުއުމިން ގުޅައި ޔުމްނުގެ މަންމައަށް ނުގުޅުމަށާއި، އެ އާއިލާއިން ކޮމިޝަނާ ބައްދަލުކުރުމަށް ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ ފަހުން ވެސް އެކި ދުވަސްތަކުގެ މަތިން ވެސް ކޮމިޝަންގެ އެކި މެންބަރުން ޔުމްނުގެ އާއިލާ މެންބަރުން މެދުވެރިކޮށް ޔުމްނުގެ ބަޔާނެއް ލިބޭތޯ މަސައްކަތްކުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަންގެ ރިޕޯޓުގައި ބުނީ އެ މައްސަލައިގައި ރައުދު އަހުމަދާ ސުވާލުކުރުމަށް ހެންވޭރު ޕޮލިހަށް ހާޒިރުކުރުމުން އެހާ ބޮޑަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށާއި ނަމަވެސް ފޯނު ތަޅައިގެންދިޔަ ކަމާއި، އެ ހާދިސާގެ ކޮންމެވެސް ވަރެއްގެ ވާހަކަތަކެއް އޭނާ ކިޔައިދިން ކަމަށް ފުލުހުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ޔުމްނުގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ޔުމްނު ވެއްޓުނީ ކަމަށް ރައުދު ބުނެފައިވާ ކަމަށެވެ.
އެ ހާދިސާގެ ތަފްސީލުތައް ކޮންމެވެސް ވަރަކަށް ދެމުންދަނިކޮށް، ވަކީލު އައިފަހުން ރައުދުއަށް އެ ހާދިސާގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައުދުގެ ބޭބެ، ދާއޫދުގެ ދޮގާއި މިނިސްޓަރުންގެ ބަޔާން!ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައުދުގެ ބޭބެ އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުއްޓެވެ. ދާއޫދާއި އޭނާގެ ރައްޓެހިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރިކަން ކޮމިޝަނުން ފާހަގަކުރިއެވެ.
އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން މިނިސްޓަރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދުގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، ދާއޫދު ގުޅި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަށް ދިން ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ދާއޫދު އާއި ރައުދު--ކޮމިޝަނަށް މިނިސްޓަރު އިހުސާން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ހާދިސާ ހިނގި ދުވަހުގެ މެންދުރުފަހު 3:47 ގައި ދާއޫދު ގުޅުމުން އެއް މިނެޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި އެ ފޯނަށް ޖަވާބުދީ އާންމު އުސޫލުން އައިޑީކާޑު ނަންބަރު ފޮނުވުމަށް އެދިފައިވާނެ ކަމަށެވެ.
"އެ ކޯލުގައި ހަނދާންވާ ގޮތުން ދާއޫދު އަހުމަދު ބުނެފައިވަނީ 'ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި' މިހެން ކަމަށާއި، މައްސަލައިގެ ވަކި ތަފްސީލެއް ނުދީ ދާއޫދު އަހުމަދު އެހެން ބުނުމުން ބަލާފައިވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް މީހަކަށް ގުޅި ހަަނދާނެއް ނުވާ ކަމަށާއި، ދާއޫދު އަހުމަދު ފޮނުވާފައިވާ މެސެޖުގައި އޮންނަނީ، "I couldn't find the physical ID, Are these details ok" މިގޮތަށް ކަމަށްވުމުން، ޖަވާބުގައި "OK" މިގޮތަށް ލިޔެފައިވާނެ..،" އިހުސާންގެ ބަޔާނުގައި ވިދާޅުވި ކަމަށް ރިޕޯޓުގައިވެއެވެ.
އެއަށްފަހު ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ފުލުހުން ތުހުމަތުކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އެކްސިޑެންޓެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެ ދާއޫދު މެސެޖުކުރުމުން އެކަން ބައްލަވައިލައްވާނެ ކަމަށް ވިދާޅުވެ މެސެޖެއް ފޮނުއްވާފައިވާނެ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި ކަމަށެވެ.
އޭގެ ފަހުން އެ ރޭ 7:10 ގައި ގުޅި ނަމަވެސް އެ ފޯނު ކޯލަށް ޖަވާބުދެއްވިފައި ނުވާ ކަމަށާއި އެ ރޭ 9:10 ގައި ނޫސްވެރިން އޭނާގެ ގޭ ދޮށަށް ދިޔަ ކަމަށް ވިދާޅުވެ ދާއޫދުގެ މެސެޖެއް ލިބިވަޑައިގެންނެވި ކަމަށް މިނިސްޓަރު އިހުސާންގެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެން ވިދާޅުވެ މެސެޖުކުރެއްވުމަށްފަހު ވެސް، ދާއޫދު ގުޅައި ނޫސްވެރިންގެ ވާހަކަ ހިއްސާކުރެއްވި ކަމަށާއި އެ ކޯލަށް ވާނީ 31 ސިކުންތު ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.
މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ އޭގެ ފަހުން އެ ރޭ ދަންވަރު 1:43 ގައި ދާއޫދުގެ އިތުރު މެސެޖެއްގައި ވިދާޅުވެފައިވަނީ ފުލުހުން އޭނާގެ ކޮއްކޮ ހައްޔަރު ނުކުރާ ވާހަކަ ކަމަށާއި ކޮއްކޮ ތަހުގީގަށް އެއްބާރުލުން ދޭނަމަ، ހައްޔަރު ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ދާއޫދު ފޮނުވި އެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭޕްރީލް 19 ގެ ހެނދުނު 6:59 ގައި އެ މެސެޖަށް ރިޕްލައިކުރައްވަމުން، ކޮއްކޮގެ އެއްބާރުލުން ދިނުމަށް ދާއޫދުގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތް ކުރިކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އޭނާއާ ދިމާވި މީހުންގެ ބަޔާނުން އެނގޭ ކަމަށެވެ. ނަމަވެސް ރައުދު، ދާއޫދާއި އޭނާގެ ރައްޓެހިންނާ ދިމާވިފަހުން ހާދިސާ ހިނގި ވަގުތުގެ އެއްވެސް ކަމެއް ހަނދާނެ ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
"ބައެއް މީހުންގެ ބަޔާނުން ދާއޫދާއި ރައުދު ބައްދަލުވެ ވާހަކަ ދެއްކި ކަމަށްވާ އިރު، ޔުމްނު ވެއްޓި ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރުވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ފެންނާާތީ މި ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި ދާއޫދާއި އެވަގުތު ރައުދުއާ ބައްދަލުވި މީހުންގެ ހިމެނޭ ކަމަށް ކޮމިޝަނަށް ފެންނާތީ، އެކަން ކަމާބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ފެނެއެވެ." ރިޕޯޓްގައިވެއެވެ
ކޮމިޝަންގެ ރިޕޯޓުގައި ބުނީ ހޯމްލޭންޑް މިނިސްޓަރު އިހުސާންގެ އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ބަލައި ފާސްކުރުމަށް އަމުރު ނެތަސް، ފުލުހުންނަށް ފާސްކުރުމުގެ ހުއްދަ އޮންނާނެ ކަމަށް ވިދާޅުވުމަށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވުމާ ގުޅިގެން ތަހުގީގަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގު މިނިވަންތަ؟ ފުރިހަމަ؟
ރިޔާސީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ މަނިކުފާނު އުފައްދަވާ ކޮމިޝަނަކަށްވާތީ، އެއީ މިނިވަން ކޮމިޝަނަކަށް ވާނެތޯ ބައެއް މީހުން ސުވާލު އުފެއްދިއެވެ. އަދި ބައެއް މީހުން އޭރު ބުނަމުންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ވީގޮތަށް، ދައުރު ނިމެންދެން ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަން ވެސް ދިގު ދަންމައިލާނެއެވެ.
ނަމަވެސް އޭރު ދެކެވުނު ވާހަކަތަކަށް ކޮމިޝަނުން ރައްދު ދިނީ ދެ މަސް ވެސް ނުވަނީސް މަސައްކަތްތައް ނިންމައިލައިގެންނެވެ. މިނިވަން ނުވާނެ ކަމަށް ދެކެވުނު ވާހަކަތަކަށް ވެސް ފުރިހަމަ ރައްދެއް ދީފިއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދި އޭރުގެ ޕޮލިސް ކޮމިޝަނަަރާ ވެސް ސުވާލުކޮށް، އެ ބަޔާންތަކުގައި އެ ބޭފުޅުން ދެއްކެވި ވާހަކަތައް ވެސް އާންމުކުރައްވައިފިއެވެ.
ދެން އުފެދޭ ސުވާލަކީ ކޮމިޝަންގެ ތަހުގީގު ފުރިހަމަތޯއެވެ. ތަހުގީގަށް އެއްބާރުލުން ނުދީ، ހާދިސާގެ ކަންކަން ކުއްލިއަކަށް ރައުދު ހަނދާން ނެތުނު ކަމަށް ބުނުމުންނާއި ޔުމްނުގެ ބަޔާން ނުނެގުމުން ކޮމިޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ބައެއް ސުވާލުތަކަށް ސީދާ ޖަވާބުތަކެއް ކޮމިޝަނަށް ދެވިފައި ނުވަނީ އެ ސަބަބުތަކާ ހުރެއެވެ.
ޖުމުލަކޮށް ކޮމިޝަންގެ ތަހުގީގު ފުރިހަމައޭ ބުނެވިދާނެ އެވެ. މިނިވަންކަމާއެކު މަސައްކަތްކުރިއޭ ވެސް ބުނެވިދާނެއެވެ.
ކޮމިޝަނުގެ ނިންމުންތައް އާންމުކުރުމުގެ ކުރިން ޔުމްނުގެ އާއިލާއިން ވަނީ ޔުމްނު ވެއްޓުނީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއްކަމަށް ތުހުމަތުކޮށްފައެވެ.
ވީޑިއޯ މެސެޖެއްގައި ޔުމްނުގެ ދައްތައަކު ޔުމްނުއާ ހަވާލާދީ ބުނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައިދިން ދައުވަތަކަށް ކަމަށެވެ.
ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަށް ޔުމްނުއާއެކު ވަން ރައުދު އަހުމަދު ޒިލާލް 21އ ގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކުވެސް އުޅުނު ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ނަމެއް އޭނާ ނުބުނެއެވެ.
ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށެވެ.
ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދާފައިވާއިރު އަދިވެސް ޔުމްނުގެ ބަޔާނެއް ފުލުހުންނަކަށް ނުނެގެއެވެ. އެހެންކަމުން މި މައްސަލައިގެ ހަގީގަތަކީ ކޮބައިކަމާމެދު އަދިވެސް މިވަނީ ބޮޑު ސުވާލު މާކެއް އުފެދިފައެވެ.
އަލީ ޔާމިން
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
ކޮބާތަ ޔުމްނު މިހާރު؟؟؟
ބަރުމީހާ - 6 މަސް ކުރިން