ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ދުޅަހެޔޮ ޖީލެއް ބިނާ ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ދުންފަތާއި ވޭޕްގެ ވަބާގައި ޖެހިފައިވާ ޒުވާނުން، އެކަމުން ސަލާމަތް ކުރެއްވުމެވެ. މިދިޔަ އަހަރު އެކަމަށް ގާނޫނެއް އެކުލަވާލެވި، ބޮޑެތި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެ ފަހުން މި އަހަރު، ކުރިއަށް އޮތް ޒުވާން ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ރައީސް މުއިއްޒު ވިސްނަވާފައިވާ ގޮތަށް، ވަކި އަހަރަކަށްވުރެ ފަހުން ވިހެއި މީހުންނަށް ދުންފަތް މަނާކުރާ "ޖެނަރޭޝަން ބޭން" އަށް ވަނީ އަމަލުކުރަން ފަށައިފައެވެ.
މިދިޔަ އަހަރުގެ މެއި މަހު ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށާއި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވަނީ މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.
އެ ގާނޫނުުގެ ހަ ވަނަ މާއްދާގައި އޮންނަނީ، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ގާނޫނުގައިވެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނީ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ. އަދި ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންވެސް ދުންފަތުގެ ބާވަތެއް ވިއްކަންވާނީ، އެ ގަންނަ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިނުވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް، އައިޑީކާޑު ނުވަތަ އެމީއެއްގެ އުމުރުން އަންގައިދޭ ރަސްމީ ލިޔުމެއް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.
"ދުންފަތުގެ ބާވަތް ގަންނަ ފަރާތަކީ އެފަދަ ފަރާތެއް ކަމަށް ބެލެވޭނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ، އެ ފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިއުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެ ފަރާތުން ދެއްކުމަށްފަހު މެނުވީ ދުންފަތުގެ ބާވަތެއް ވިއްކައިގެންނުވާނެ،" ގާނޫނުގައިވެއެވެ.
ރައީސްގެ މި ނިންމެވުމަކީ އަންނަން އޮތް ޖީލުތައް ދުންފަހުގެ ވަބާއިން ސަލާމަތް ކުރުމަށް ނިންމެވި މުހިންމު ނިންމެވުމެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އުނދަގޫ ނިންމެވުމެއް ނަމަވެސް "ގަޓް" ނިންމެވުމެކެވެ. މި ނިންމެވުމުގެ ސަބަބުން އެތައް ޖީލެއް މިކަމުން ސަލާމަތް ކުރެވޭނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.
ރައީސް ވަނީ އެ ނިންމުން ނިންމަވަން ޖެހުނު ސަބަބު ވެސް ހާމަ ކުރައްވައިފައެވެ. އެގޮތުން ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ މޯލްޑިވްސް ހެލްތް ސެޓެޓިސްޓިކް 2022 ދައްކާ ގޮތުން ގައިންގަޔަށް ނާރާ ބަލިތައް އެންމެ ބޮޑަށް ރާއްޖޭގައި ފެތުރެނީ އަދި ނުކުޅެންދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ.
"އެގޮތުން ޖެނެރޭޝަން ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެން. މިކަމާ ގުޅިގެން ސާވޭއެއް ސޯޝަލް މީޑިއާގައި އެކިއެކި ޒަރިއްޔާތަކުގެ ހެދިއްޖެ. އޭގެ އިތުރަށް އެކިއެކި ޖަމިއްޔާތަކާ ޑަބްލިޔުއެޗްއޯއާ ޔުނިސެފާ ވެސް މިހެން ގޮސް އެކި ފަރާތްތަކާ އަޅުގަނޑުމެން މަޝްވަރާ ކޮށްފިން. މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކާ އަޅުގަނޑުމެންގެ ޖީލު ސަލާމަތްކުރުމަށްޓަކާ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައްޖެހޭ ނުޖެހޭ މުޖުތަމައަކަށް ހެދުމަށްޓަކާ މަޝްވަރާކޮށް އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ ތެރޭގައި 84 ޕަސަންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގައިންގަޔަށް ނަރާ ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ. ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ރާއްޖޭގައި ހެދި ސާވާއެއްގެ ތަފާސްހިސާބު ދައްކާގޮތުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ބައެއް ކަމަށާއި އެ ސާވޭގައިވާ ގޮތުން 21.8 ޕަސަންޓު ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޖެނެރޭޝަން ބޭން 2007 ގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް މިހާރު އަމަލުކުރަން ފަށާފައިވީ ނަމަވެސް ގިނަ ބަޔަކު ވަނީ އެ އުމުރުފުރާ ފިޔަވައި އެހެން އުމުރުފުރާތަކަށް ވެސް މަނާ ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް ރައީސް ވަނީ އިތުރު އުމުރުފުރާތަކަކަށް ގާނޫނަކުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ނުކުރި ނަމަވެސް، ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްްވާފައިވާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތައް އަޅުއްވާނެކަން ވެސް ރައީސް ވަނީ ވަނީ ވިދާޅުވެފައެވެ.
ޖެނެރޭޝަން ބޭން ގާނޫނުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ އިރު އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފައެވެ. އަދި އެ އުމުރާ މެދު ޝައްކުވާނަމަ، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގައެވެ. އޭގެ އިތުރުން މިދިޔަ އަހަރު ވަނީ ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މަނާކޮށްފައެވެ.
ޖެނެރޭޝަން ބޭން އާއި އެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުކަމަށް ސަރުކާރުންނާއި ސިއްހީ މާހިރުންގެ އިތުރުން ވިޔަފާރިތަކުންވެސް ފާހަގަ ކުރެއެވެ. މިއީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އަލީ އަފާފު ރަމީޒު
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
ކޮމެންޓް