2025 ވަނަ އަހަރަކީ ކުޅިވަރުގެ ވާހަކަތަކަށް ބަދަލެއް އައި އަހަރެކެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ދެއްކި ވާހަކަތަކަށް ތަސައްލީއެއް ލިބުނު އަހަރެކެވެ. 2025 ވެގެން ދިޔައީ ކުޅިވަރުގައި ހިންދެމިލަން ލިބުނު އަހަރަކަށެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ފުޓުބޯޅައަށް ހަމަނޭވައެއް ލާން ފުރުސަތު ފަހިވެއްޖެއެވެ. ބަނަ ވިލާގަނޑެއްގެ ދަށުން އުންމީދުގެ ދޯދިތަކެއް ފާއްދާލި ކަހަލައެވެ. ފުޓުބޯޅައަށް އައި ދިރުމުގެ އިތުރުން ބެޑްމިންޓަނަށްވެސް ހައްލެއް ލިބި، ކުޅިވަރު މިސްރާބު ހުރީ ހެޔޮކޮށް ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. އާ ކުޅިވަރު ގާނޫނެއް ވުޖޫދު ވެ، ކުޅިވަރު ވަށައި ޖެހޭނެ ނިޒާމެއް ގަނޑަށް ތިރިކުރީވެސް ނިމިދިޔަ އަހަރުއެވެ. އެ އުންމީދާއި އުފަލުގެ ތެރެއިން ކުޅިވަރު އާއިލާއަށް ލިބުނު ދެރައަކީ މުހިއްމު ބައެއް ޝަހުސިއްޔަތުން ވަކިވެގެން ދިޔަ ދިޔުމެވެ.
ފުޓުބޯޅައާއި ބެޑްމިންޓަނަށް ހައްލެއް
ހަނދާން ހުންނާނެއެވެ. 2024 އަކީ ފުޓުބޯޅައިގެ ހުޅު ފަޅައިގެން ދިޔަ އަހަރެވެ. ކުރިން ފުޓުބޯޅަ އެސޯސިއޭޝަނުގައި ހުރި ރައީސް، ބައްސާމް އަދީލް ޖަލީލްގެ ސަސްޕެންޝަނާއެކު ދެން ތިލަވީ އޭނާގެ ނިމުމެއް ނެތް ކޮރަޕްޝަންގެ މައްސަލަތަކެވެ. 2025 ގައިވެސް އެ ވާހަކަތައް ގިނައެވެ. މާފަންނު ސްޓޭޑިއަމް ގުދަންބަރިއަކަށް ހަދާލި ގޮތުގެ ވާހަކައާއެކު ފުޓުބޯޅަ ސްކޫލްގެ ކޮރަޕްޝަނުގެ ވާހަކަ ފުލުފުލުން އިވެމުން ދިޔައެވެ. މިވަގުތު އޭނާގެ މައްސަލަތައް ކޯޓު މަރުހަލާގައި ހިނގަމުންދާ އިރު، އެ ބަނަކަމަށް ނިމުމެއްވެސް އަތުވެއްޖެއެވެ.
ފީފާއިން ގެނެސްފައިވާ ނޯމަލައިޒޭޝަން ހާލަތުން ރާއްޖެ ސަލާމަތް ވެ، ނިމިދިޔަ އަހަރުގެ ޖުލައި މަހު އެފްއޭއެމް ރައީސަކަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފައިވެއެވެ. އެފްއޭއެމް މިދިޔަ އަހަރު އިންތިހާބަކާ ހަމައަށް ގޮސްފައި ވަނީ އަސާސީ ގަވާއިދަށް ބަދަލުވެސް ގެނެސްގެންނެވެ.
އެގޮތުން 27 ޖޫންގައި ބޭއްވި އާއްމު ޖަލްސާގައި އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ނިންމާފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތެވެ. ނޯމަލައިޒޭޝަން ކޮމިޓީން ހުށަހެޅި ގޮތަށް، ކޮންގްރެސްއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ. އެފްއޭއެމްގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައި މިހާރު ކުޅެމުން އަންނަ ހުރިހާ ކުލަބެއް މެންބަރުންގެ ގޮތުގައި ކަނޑައަޅާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.
އޭގެ އިތުރުން އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަން ޖެހޭ ގޮތަށް އިންތިގާލީ މާއްދާގައި ބަޔާންކުރުން ވެސް ހިމެނެއެވެ. އެގޮތުން އެ އިސްލާހާއެކު ކުޅިވަރުގެ ގާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާހުގެ ދަށުން އެކަލަވާލާ ގަވާއިދުގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއެކު ހިންގާ ގަވާއިދުގެ ދަށުން ގާއިމުކުރަން ޖެހެއެވެ.
އެ ބަދަލުތަކާއެކު އާ އެކްސްކޯ ހިންގުމާ ހަވާލުވެ، ފުޓުބޯޅަ އޮނިގަނޑު ވަނީ އެކީ އެކަށް ބަދަލުކޮށްފައެވެ. އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކުގެ އިތުރުން ރީޖަނަލް މުބާރާތްތަކަށް އަލުން ރުޖޫއަ ވެ، އެ މުބާރާތްތަކުން އެންމެ މަތީ ފަންތިއަށް ދެވޭނެ މަގު މިހާރު އޮތީ ފަހުކޮށެވެ. މުބާރާތްތައް ހިނގަމުންވެސް ދެއެވެ.
ގާތްގަނޑަކަށް 11 ވަރަކަށް އަހަރުފަހުން ފުރަތަމަ ފަހަރަށް އަންހެން މުބާރާތެއް ބާއްވައި، އަލުން ކްލަބު ފުޓުބޯޅަވެސް ފެށިއްޖެއެވެ. ގައުމީ ދަނޑުން ފަޅުކަން މަޑުމަޑުން ފިލަމުން އަންނަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ފަދަ ނަންތައް އަލުން ދިރުމުންނެވެ.
އޭގެ އިތުރުން ފުޓްސަލް ގައުމީ ޓީމުގެ ނަންވެސް މަޑުމަޑުން އަންނަނީ ވައިގައި ހިފަމުންނެވެ. ކުރާން އޮތް މަސައްކަތް އިތުރު ނަމަވެސް، އުންމީދީ މަންޒަރެއް އަންނަނީ ފެންނަމުންނެވެ. ހާއްސަކޮށް ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯވެސް ވަނީ މިދިޔަ އަހަރު ރާއްޖެއަށް ހާއްސަ ދަތުރެއްކޮށް، އެތައް ތާރީހީ ވަގުތުތަކެއް ހޭދަކޮށްފައެވެ.
ފުޓުބޯޅައިގެ އުންމީދީ ފެށުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ސްރީ ލަންކާއާ ދެކޮޅަށް ވާދަކުރި ސައުތު އޭޝިއަން ސުޕަ ކަޕް ރާއްޖެއަށް ކާމިޔާބުކުރެވުންވެސް ފާހަގަކޮށްލެވެއެވެ.
ދެން އޮތީ ހާލަތު ގޯސްވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަނެވެ. ބެޑްމިންޓަނުގެ ގައުމީ ހައިސިއްޔަތު ނަގަން ޖެހި، ދުނިޔޭގެ އިދާރާއިން ސަސްޕެންޝަނާ ހަމައަށްވެސް ދިޔައެވެ. އެހެން ނަމަވެސް، އަހަރު ނިމުމުގެ ކުރިން އެކަން ހައްލު ވިއެވެ. ނޮވެމްބަރު އެއްވަނަ ދުވަހު، ބީއޭއެމްގެ އަސާސީ ގަވާއިދެއް ފާސްކޮށް، ނޮވެމްބަރު 22 ވަނަ ދުވަހު އިންތިހާބެއް ބޭއްވި އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރެވިފައިވާ އިރު، އާ ރައީސަކަށް އިންތިހާބުވީ އިޝްފާން މުހައްމަދު (އިއްޕަ) އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރެއިން އަސާސީ ގަވާއިދު ފާސްކޮށް، ނޮވެމްބަރު 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމީ ހާއްސަ އާންމު ޖަލްސާއެއް ބާއްވައިގެންނެވެ.
ދުނިޔޭގެ ސަސްޕެންޝަން އުވާލުމުގެ ކުރިން އޮލިމްޕިކްސް ކޮމިޓީވެސް މެދުވެރި ވެ، ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ހޯދާފައިވާ އިރު، ފާތިމަތު ނަބާހާ އަބްދުލް ރައްޒާގާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ޒެމްބިއާ މުބާރާތުން ރަން މެޑަލްވެސް ހޯދިއެވެ.
ގާނޫނީ ބަދަލާއެކު ކުޅިވަރުގެ ދުރު ރާސްތާއަށް ވިސްނުމެއް
ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނު 30/2015 ވުޖޫދުވެގެން މިދިޔަ އަހަރާ ހަމައަށް އައީ ތަފާތު އެކި ތަޖުރިބާތަކުގެ ތެރެއިންނެވެ. އޭގައި ވަށާ ނުޖެހޭނެ ނިޒާމީ މައްސަލަތައް ބޮޑެވެ. ކުރިން އެކުލަވާލި ކަންކަމުގެ ތެރެއިން ކުރިއެރުމެއް ނެތް، އެތައް ފެއިލިއާތަކެއް ފެންނަމުން ދިޔައެވެ. އެ ޝަކުވާތައް މަޑުޖެހިލަން ލިބުނު އެންމެ ބޮޑު ފުރުސަތަކީ ކުޅިވަރު ގާނޫނު އިސްލާކޮށް، ތަސްދީގު ކުރުމެވެ. ސްޕޯޓްސް މިނިސްޓަރު އަބްދު ރާފިއު (ރާއްޕެ) މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަހެން ފެއްޓެވި އެއް މަސައްކަތަކީ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކަށް ކުޅިވަރު ގާނޫނު އިސްލާހް ކޮށްފިއެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް މާލީ ގޮތުން އެހީތެރިވުމަށް، ގައުމީ ކުޅިވަރު ފަންޑު އުފެއްދުމަށް އާ ގާނޫނުން ލާޒިމުކުރެއެވެ. އެއީ ކުޅިވަރު އެތުލީޓުންގެ އިންޝުއަރެންސާއި ތަމްރީނު ހަރަދަށްވެސް އޮތް ހައްލެއް ކަމަށް މިނިސްޓަރު ދެކިލައްވައެވެ. ކުޅިވަރު އެތުލީޓުންގެ މުސާރަވެސް ސަރުކާރުން ބޮޑުކޮށްފައިވާ އިރު، ކުޅިވަރު އާބިޓްރޭޝަނަށްވެސް ގާނޫނުން ބަދަލު ގެނެސްފައިވެއެވެ.
އޭގެ އިތުރުން ރީޖަނަލް އެސޯސިއޭޝަންތަކަށް ގާނޫނުން ތަން ދީ، ކުޅިވަރު ލާމަރުކަޒީ ކުރުމަށްވެސް ބޮޑެތި ބަދަލުތަކެއް ގާނޫނުން ފެނިގެން ދެއެވެ. އެގޮތުން ސްކޫލްތަކުގެ ކުޅިވަރުތައްވެސް ބަދަލުކޮށް، ސްކޫލް ސްޕޯޓްސް އޮތޯރިޓީވެސް އުފައްދަން މިހާރު ވަނީ މަސައްކަރް ފަށައިފައެވެ. ރީޖަނަލް މުބާރާތްތަކުން ހުނަރު ހޯދުމަށްފަހު ހައި ޕާފޯމަންސް ސެންޓަރުތަކުގެ ބޭނުން ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ތަކުރާރުކޮށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ލޯބި ލިބިފައިވާ ޝަހުސިއްޔަތުތަކެއްގެ ވަކިވުން
ނިމިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރުން، އެތައް ބައެއްގެ ލޯބި ހޯދާފައިވާ ޝަހުސިއްޔަތުންތަކެއް ގެއްލިގެން ދިޔައެވެ. އިހުސާން އަބްދުލްޣަނީ (ސާންތީ) ކޯޗުގެ ވަކިވުމަކީ ފުޓުބޯޅައަށް ފޫނުބެއްދޭނެ ގެއްލުމެކެވެ. ސްކޫލް ދައުރު ނިންމައި، ކުޅުންތެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވުނު ސާންތި ވަނީ ޒުވާން އުމުރުގައި ކޯޗިން މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގައި ތަފާތު އެކި ތަޖުރިބާތަކާއެކު ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިން ސާންތީ މި ދުނިޔެއާ ވަކިވީ މާޗް މަހުގެ ތެރޭގައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ސާންތީ ނިޔާވީ ކެންސަރު ބަލީގައެވެ. ވަކިވެގެން ދިޔައީ ދިވެހި ފުޓުބޯޅައިގެ ޚިދުމަތުގައި ދެމިހުރި އެންމެ މުހިންމު އެއް ޚިދުމަތްތެރިޔާއެވެ. ހަޔާތް އެއްކޮށް ފުޓުބޯޅައަށް ހުސްކުރި، މުޅި ފުޓުބޯޅަ އާއިލާގެ ލޯބި ހޯދައިގެން ހުރި އެ އާއިލާގެ އެންމެ އިޚުލާސްތެރި އެއް ބައިވެރިޔާއެވެ.
އޭގެ އިތުރުން، ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) ނިޔާވުން ވެގެން ދިޔައީ ހައިރާންކަން ގެނުވި ހަބަރަކަށެވެ. އުމުރުން 36 އަހަރުގެ އިފްރާ ވަނީ ޒުވާން ގައުމީ ޓީމާއި ސީނިއާ ޓީމަށްވެސް ކުޅެފައެވެ. ގައުމީ ޓީމާއެކު އޭނާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.
އަހަރު ފަހުކޮޅުގައި ކުރީގެ އެއްވަނަ ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ)ވެސް ވަކިވެގެން ގޮސްފައިވާ އިރު، އޭނާ ނިޔާވީ އުމުރުން 48 އަހަރުގައެވެ. އެއީވެސް ކެންސަރު ބަލީގައެވެ. އާދިލްއަކީ ކުރިން ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ޝަހުސިއްޔަތެކެވެ.
ކާށިދޫގެ ފުޓްސަލް ކާމިޔާބީއާއި ބައިނަލްއަގުވާމީ މުބާރާތްތައް
އަހަރު ފެށިގެން އައީ ކ. ކާށިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށް، ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދައިގެންނެވެ. ހިތްވަރާއި ގުޅުންތެރިކަމުގެ މިސާލު ދައްކައި، އެރަށުން ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދީ ތަފާތު ދަތުރެއްގައެވެ. ފައިނަލުގައި ހދ. ނައިވާދޫ ބަލިކޮށް، ކާށިދޫން ތަށި ގެންދިޔައީ މުޅި ރަށް ނަށަމުން ދަނިކޮށެވެ.
އެ އުފާވެރިކަމުގެ އިތުރުން ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތަކަށް އިންގިލާބީ އަހަރަކަށް ނިމިދިޔަ އަހަރު ވިއެވެ. ކުޅުދުއްފުށީ ސިޓީގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވި އިރު، އެ މުބާރާތުން ރާއްޖޭގެ ޓީމު ލޯ މެޑަލް ހޯދިއެވެ. އަދި އިންޑިއާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުން އަންހެން ރިލޭ ޓީމު ތާރީހީ ލޯ މެޑަލްއެއް ގެނެސްފައިވެއެވެ. ހަމައެއާއެކު ބަހްރެއިންގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީ އިވެންޓްގެ ކުއާޓާ ފައިނަލްގައި ވާދަކޮށް، ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ ތާރީހު ލިޔެލިއެވެ.
އެ ކާމިޔާބީތަކުގެ ތެރެއިންވެސް ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދިޔަ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހޯދައި، ދިވެހީން ހެއްވާލިއެވެ.
ރާއްޖޭގައި ކެރަމް ވޯލްޑް ކަޕްވެސް މިދިޔަ އަހަރު ބޭއްވި އިރު، އެ މުބާރާތުގެ އަންހެން ޓީމް އިވެންޓުން ރާއްޖެ ރިހި މެޑަލް ހޯދިއެވެ. އަދި ކާވާ އަންހެން ވޮލީ ކަޕުންވެސް ރާއްޖޭގެ އަންހެން ޓީމު ރިހި މެޑަލް ހޯދިއެވެ. ސާބާ 16 އަހަރުން ދަށުގެ މުބާރާތުން ރާއްޖޭގެ އަންހެން ޓީމުންވެސް މެޑަލް ހޯދި އިރު، ކާވާގެ އިތުރު ވޮލީ މުބާރާތްތަކެއްވެސް އަހަރުގައި ރާއްޖޭގައި ހޯސްޓް ކުރިއެވެ.
އޭގެ އިތުރުން ޓޭބަލް ޓެނިސް އިންޓަނޭޝަނަލް މުބާރާތެއްވެސް ރާއްޖޭގައި ބާއްވާފައިވާ އިރު، އޭޝިއަން ރައިފަލް/ ޕިސްޓަލް ކަޕުން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހް ރިހި މެޑަލް ހޯދިއެވެ. ސްވިމިންނާއި އެތުލެޓިކްސްގެ ރެކޯޑުތައް އާކޮށްފައިވާ އިރު، ޒުވާން ކުޅުންތެރިންގެ ވިދުން ގަދައެވެ.
މުޙައްމަދު ޝަމްޢޫން
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
ކޮމެންޓް