ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް, ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވާ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ލައިސެންސް ނުނަގާ ވިޔަފާރި ކުރާ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ, ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ, މުހައްމަދު އިމޮން ކަޒި, 32އ އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދުން އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ވަނީ ހެކި ހޯދައިފައެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައިވަނީ އެ ބިދޭސީ މީހާގެ އެކައުންޓުން މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެކަމަށް ބާރުދޭ ޑިޕޮސިޓް ސްލިޕްތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

ފުލުހުން ތުހުމަތު ކުރާގޮތުގައި އޭނާ އެ ވިޔަފާރި ކުރަމުން އަންނަނީ އިތުރު ބައެއްގެ ބައިވެރިވުމާއެކުއެވެ. ނަމަވެސް އޭނާ ކުރާ ވިޔަފާރީގެ އެއްވެސް ތަފްސީލެއް އަމުރުން އެނގޭކަށް ނެތެވެ.