މާލޭ ސަރަހައްދުން ދޫކުރާ ފުލެޓުތަކާއި ރަސްމާލެއިން ދޫކުރާ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާހު ގެނެސް އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ފުލެޓު ދޫކުރުމުގެ އުސޫލު އަދި ގޯތި ދިނުމުގެ އުސޫލު، ރޭ ގެޒެޓުކޮށްފައިވަނީ ބައެއް އިސްލާހުތަކާއެކުއެވެ.

އެގޮތުން ފުލެޓު ދިނުމުގެ އުސޫލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެއް ކޮޓަރި އަދި ދެ ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އެ ފުލެޓުތައް ދޫކޮށްލާފައިވާ ތިން ކޮޓަރީގެ ފުލެޓުތަކަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަދައިފައެވެ. ނަމަވެސް އެކަމަށް ވަކި ޝަރުތެއް ހިމެނެއެވެ.

އުސޫލުގައިވާ ގޮތުން އެއް ކޮޓަރީގެ ފުލެޓު ދޫކޮށްލާފައި އެހެން ފުލެޓެއް ހޯދަން ހުށަހެޅޭނީ އެޕްލިކަންޓުގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމައެވެ. އަދި ދެ ކޮޓަރި ދޫކޮށްލާފައި ހުށަހެޅޭނީ އެޕްލިކަންޓުގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމައެވެ.

ގޯތި ދިނުމުގެ އުސޫލަށް ގެނައި އިސްލާހުތަކުގެ ފާހަގަކޮށްލެވެނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 400 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް ފަރާތްތަކުން، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލަން އެއްބަސްވާން ޖެހޭ ގޮތަށް ގެނައި އިސްލާހެވެ. ނަމަވެސް ކުރިން އޮތް ގޮތަށް 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާނެ ކަމަށް އުސޫލުގައިވެއެވެ.

އޭގެ އިތުރުން މާލޭގެ ރަށްވެހިންގެ ގޮތުގައި ހުށަހެޅޭނީ އަންނަ މަހުގެ 14 ގެ ނިޔަލަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާތާ އެއް އަހަރު ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށް އިސްލާހުގައިވެއެވެ.

އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގެއެއް، ގޯއްޗެއް، ރޯ ހައުސެއް، ފްލެޓެއް އޮތް ފަރާތްތަކަށް ފުލެޓަށް އަދި ގޯއްޗަށް ވެސް ކުރިމަތިނުލެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ފްލެޓުތަކާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ގައެވެ. އެކަމަށް އެދި ފޯމު ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7600 ހައުސިން ޔުނިޓެވެ. އޭގެ ތެރޭގައި ގުޅިފަޅުގައި ހަދާ 4000 ޔުނިޓު ހިމެނެއެވެ. އަދި ގޯތިތަކުގެ ތެރޭގައި ހިމެނެނީ ރަސްމާލެއިން ދޫކުރާ 15000 ގޯއްޗެވެ.