މިދިޔަ 2025 އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ ބޮޑެތި ކޮމިޓީތަކުން މުހިއްމު މައްސަލަތައް ތަހުގީގުކޮށް ޒިންމާދާރު ކުރުވި އަހަރެއްގެ ގޮތުގައި ފާހަގަވެއެވެ.
އެގޮތުން އެންމެ ބޮޑެތި މައްސަލަތައް ކަމަށްވާ، ހޯކްސްގެ ސިނގިރޭޓް ވައްކަމާއި، ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި އެގްޒޮޓިކް އެންޓަޕްރައިޒަސްގެ އެތައް މިލިޔަން ރުފިޔާގެ ސިނގިރޭޓް ކާޓުނުތައް ގެއްލުމާއި، އެމްޕީއެލްގެ ތެލުގެ ހިޔާނާތާއި، ޕޮލްކޯ ޕްލެޓް ހިޔާނާތާއި، ފެނަކަ ހިޔާނާތުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އޮތް މައްސަލަތަައް ކަމާބެހޭ ކޮމިޓީތަކުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.
ސިނގިރޭޓް ވައްކަން:
ރާއްޖޭގެ ކަނޑުގެ ބޯޑަރު ފޫއަޅުވާލައި ދަ ހޯކްސްގެ ބޯޓަކުން 200 ކާޓޫން ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި، ބޮންޑެޑް ވެއާހައުސްގައި ހުރި އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ސިނގިރޭޓް ކާޓޫނުތައް ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ ސިނގިރޭޓާ ބެހޭ އެ ދެ މައްސަލައިގެ އިތުރުން ކަސްޓަމްސްގެ 21 މުވައްޒަފެއްގެ ބޭންކު އެކައުންޓްތަކުގައި 400 މިލިޔަނެއްހާ ރުފިޔާ ދައުރުވެފައިވާ މައްސަލައެއް ފާހަގަ ކޮށްފައެވެ. އޭގެ އިތުރުން ސަލާމަތީ ގޮތުން ބޮޑެތި އިހުމާލުތަކެއް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ކޮމިޓީ ރިޕޯޓްގައިވާގޮތުން އެގްޒޮޓިކް އެންޓަޕްރައިސަސްއިން ބޮންޑެޑް ވެއާ ހައުސްގައި ހުރި 575 ކޭސް ސިނގިރޭޓް ގާނޫނާއި ގަވައިދާ ހިލާފަށް ނެރެފައިވާއިރު ސިނިގިރޭޓާއެކު އެ ބޮންޑެޑްވެއާ ހައުސް ގެއްލިފައިވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ. ރިޕޯޓްގައި ވަނީ އެކަމުގެ ސަބަބުން ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 47 މިލިޔަން ރުފިޔާ ގެއްލިގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޮމިޓީން ފާހަގަކުރި ކަސްޓަމްގެ އިހުމާލު:
- ބޮންޑެޑް ވެއާ ހައުސްތަކުގެ ތެރެއިން ތިލަފުށީގައި ހުރި ދެވަނަ ބޮންޑެޑް ވެއާހައުސްގެ ކެމެރާ ފީޑް ކަސްޓަމްސް އަށް ލިބެމުން ނުދިއުން
- ރާއްޖޭގެ ބަނދަރުތަކަށް އަންނަ ރާއްޖޭން ބޭރަށް ދަތުރުކުރާ ބޯޓުފަހަރަށް އަރައިފައިބާ މީހުންނާއި އަރުވައިބާލާ ތަކެތި ބެލެހެއްޓުމަކީ ކަސްޓަމްގެ ޒިންމާއަކަށް ވާތީ އެންމެ ރަނގަޅަށް ގާނޫނީ ޒިންމާ އަދާކުރަމުން ނުދާކަން
- އެ މަސްއޫލިއްޔަތު އަދާ ކުރަން ހުރި ގޮންޖެހުންތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތްތައް ކުރިއަށް ނުގެންދާކަން
- ރާއްޖޭގެ ޕޯޓްތަކަށް އެކަށީގެންވާ މިންވަރަށްވުރެ ބޮޑެތި ބޯޓުފަހަރު ގާތްކޮށް މުދާ ބޭލުމަށް ހުއްދަ ދިނުން
- އެކަމުގެ ސަބަބުން ނުކުންނާނެ ސެކިއުރިޓީ ރިސްކަށް ބެލުމުގެ ބަދަލުގައި ޓްރޭޑް ފެސިލިޓޭޝަން ޕޮލިސީއަށް އިސްކަންދިނުން
- ޕޯޓްތަކުން މުދާ ބާލާއިރު ކަސްޓަމްސް އިން 24 ގަޑިއިރު ސާވައިލެންސް ކުރުމުގެ ނިޒާމު ހަރުދަނާ ކުރަން ޖެހިފައިވާކަން
މި ކަންތައްތަކަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތަކެއްވެސް ކޮމެޓީ ރިޕޯޓްގައި ހިމަނައި، މަޖިލީހުން ފާސްކޮށްގެން ކަސްޓަމްސް އަށް ވަނީ އަންގައިފައެވެ.
ކަސްޓަމަށް އެންގި އެންގުންތައް:
- ގާނޫނުން ކަސްޓަމާ ހަވާލު ކޮށްފައިވާ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް އެ މަސައްކަތް ކުރަން ރޭވިފައިވާގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިނެއް ތައްޔާރުކޮށް ކޮމިޓީއަށް އެންގުން
- ގާނޫނުގައި ބުނާ ކަސްޓަމްސް އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އަޅަމުން ގެންދިއުމަށާއި، ކަސްޓަމްސްގެ ގާނޫނާއި، އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކުރަމުންދާ މުވައްޒަފުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކަސްޓަމަސްއަކީ ގާނޫނުތަކާ އެއްގޮތަށް ހިނގާ އަދި ރައްޔިތުންގެ އިތުބާރު އޮންނަ ހިދުމަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތައް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަަމަށް ލަފާކުރާ މުއްދަތު ހިމެނޭ ޓައިމްލައިނެއް ކޮމިޓީއަށް އެންގުމަށް
- މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށާއި މިފަދަ މައްސަލަތަކުގައި މުވައްޒަފުން ޝާމިލުވުން ހުއްޓުވުމަށް މުވައްޒަފުންނާއި މުވައްޒިފުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ އެސެޓް ޑިކްލެއާ ކުރަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކޮށް އަދި އެގޮތުން ހާމަކުރާ ފޯމުތައް ރިވިއުކޮށް އަޅަން ޖެހޭ ފިޔަަވަޅުތައް އެޅޭނެ ހަރުދަނާ މެކެނިޒަމެއް ގާއިމުކުރުމަށާއި އެ މަސައްކަތްކުރުމަށް ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިނެއް ކޮމިޓީއަށް އެންގުން
އެމްޕީއެލް ތެލުގެ ހިޔާނާތް:
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރެއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންގި ކޮރަޕްޝަން މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގު ކުރި މުހިއްމު މައްސަަލައެކެވެ.
އެ މައްސަލަ ތަހުގީގުކޮށް، އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު ހޯދައި ފިޔަވަޅު އަޅަން ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅައި، މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އޮޑިޓް ރިޕޯޓަށް ހަވާލާދީ ކޮމިޓީ ރިޕޯޓްގައި ބުނެފައި ވަނީ، އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒަފުންތަކެއް 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވާކަމަށެވެ. އެ މައްސަލަ ބަލައި، މުވައްޒަފުންތަކެއް ވަކިކުރި ނަމަވެސް، މި ހިޔާނާތުގައި އެމްޕީއެލަށް ގެއްލުނު ފައިސާ މިހާތަނަށް ވެސް ހޯދިފައި ނުވާކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
އެފްއެސްއެމް ތެލުގެ ހިޔާނާތާ ބެހޭގޮތުން، އެމްޕީއެލްއަށް ކޮމިޓީގެ އެންގުން:
- އެފްއެސްއެމްގެ އޮޑިޓް ރިޕޯޓުގައި ގާނޫނާއި ގަވާއިދާ ހިލާފުކަމަށް ފާހަގަކޮށްފައިވާ މައްސަލަތައް، ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިސްލާހުކުރުމަށް އޮޑިޓާ ޖެނެރަލް ލަފާދީފައިވާގޮތަށް އިސްލާހުކުރުން
- ތެޔޮ ވިއްކާ އަޅަނދުފަހަރު މޮނީޓާ ކުރުމަށް ކެމެރާ ސިސްޓަމްތަކާއި ތެޔޮ ދޫކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ލައިވް ރިޕޯޓް ނެގޭ ގޮތަށް ހަދަން އެންގުން
- ބާޖުތަކުގައި ހުންނަ ތެޔޮ ޓޭންކްތަކުގެ ތެލުގެ މިންވަރު ލައިވްކޮށް އެނގޭނެ ގޮތަށް 45 ދުވަސް ތެރޭގައި ހެދުން
- އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް އަވަސްކޮށް، އެކަމުގައި ޕީޖީ އޮފީހުންނާއި ކޯޓުތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަން އެންގުން.
- އެމްޕީއެލްގެ އެތެރޭގެ މާލީ މުއާމަލާތްތައް ހިންގުން ހަރުދަނާކުރަން އެންގުމާއި އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް އެންގުން.
- މާލެ ސަރަހައްދުން ތެޔޮ އުޅަނދުތައް ބޭރުވުމަށް ފަހު ވެސް އެ އުޅަނދުތައް މޮނިޓާ ކުރެވޭނެ ސިސްޓަމްތައް ތިން މަސް ތެރޭގައި އުޅަނދުތަކުގައި ގާއިމް ކުރަން އެންގުން.
އެމްޕީއެލްގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތައް އޮޑިޓްކުރުމަށްފަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ، މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލުން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެ މުއްދަތުގެ ތެރޭގައި ޖުމުލަ 8،855،601 ލީޓަރު (90،808،560 ރުފިޔާގެ) ޑީސަލް ގަނެފައިވެއެވެ.
ނަމަވެސް އޭގެ ތެރެއިން 2،824،288 ލީޓަރުގެ ޑީސަލް ނުވަތަ އެ މުއްދަތުގައި އެމްޕީއެލުން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓަށްވާ ޑީސަލް، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އެޅުމަށާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުން ނުކޮށް ގެއްލިފައިވާ ކަމަށާއި އެ ޑީސަލްގެ އަގަށް 28،316،141 މިލިއަން ރުފިޔާ އަރާ ކަމަަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ޕޮލްކޯ ހިޔާނާތް:
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހުޅުމާލެ ފޭސް އެކެއްގައި ކުރިއަށްގެންދިޔަ ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) 300 ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެެރެއިން ކޮރަޕްޝަން ހިންގާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ އެ މަޝްރޫއަށް އިތުރަށް 240 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކޮށްވެސް މަޝްރޫއު ނިމިފައި ނުވާ މައްސަލަ އޮޑިޓާ ޖެނެރަލް ފެންމަތި ކުރެއްވުމާ ގުޅިގެންނެވެ.
އެ ފްލެޓްތަކަށް ބިލިއަން ރުފިޔާ ޕޮލްކޯ އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި 580.2 މިލިޔަން ރުފިޔާގެ އަގަކަށް 13 ބުރީގެ ތިން ޓަވަރު ނިންމަން 19 ޖޫން 2013 ގައި ޕޮލްކޯއިން އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏަށެވެ.
އޭރު އެއްބަސްވެފައި އޮތީ 300 ހައުސިން ޔުނިޓް އެޅުމަށެވެ. ނަމަވެސް އޭގެ ފަހުން 2013 ނޮވެމްބަރު ގައި ނޫމަޑިއާ އެކު ހެދި އެއްބަސްވުމަށް ބަދަލު ގެނެސް، އެ މޝްރޫއުގެ އަގުގެ 20 ޕަސެންޓް ފައިސާ ދައްކާ ގޮތަށް ހެދި ނަމަވެސް، ދެ އަހަރު ފަހުން ނޫމަޑިއަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން 2016 ޖެނުއަރީ މަހު އެގްރިމަންޓް ބާތިލުކޮށް އެ ތާރީހުގެ ނިޔަލަށް ނޫމަޑިއަށް 96.3 މިލިއަން ރުފިޔާ ދެއްކިއެވެ.
ނަމަވެސް ނޫމަޑިން ޕޮލްކޯއަށް އަނބުރާ 20.2 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެ، އެ ފައިސާ ދެއްކިއެވެ. އަދި ދެވަނަ ފަހަރަށް 2016 ވަނަ އަހަރުގެ މާޗް މަސްތެރޭގައި، 14 މަސް ދުވަސް ތެރޭ 361 ހައުސިން ޔުނިޓް ނިންމާ ގޮތަށް 628 މިލިއަން ރުފިޔާއަށް އައިލެންޑް އެކްސްޕާޓް ކުންފުންޏާ މަޝްރޫއު ހަވާލު ކުރުމަށްފަހު، 2016 ގެ މާޗް އިން އޮކްޓޯބަރު 2019އަށް އެއްބަސްވުމަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސް މަސައްކަތުގެ އަގަށް 122.2 މިލިއަން ރުފިޔާ އިތުރުކުރިއެވެ. އަދި މަސައްކަތް ނިންމަން ޖެހޭ މުއްދަތު 54 މަސް ދުވަހަށް ފަސްކޮށްދިނެވެ. ނަމަވެސް އައިލެންޑް އެކްސްޕާޓަށް ވެސް މަސައްކަތް ނުނިންމިގެން 2021 ޖެނުއަރީ ގައި އެއްބަސްވުން ބާތިލު ކުރިއެވެ. އޭރު ޕޮލްކޯއިން އެ ކުންފުންޏަށް 439.9 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.
އެއަށްފަހު 2021 ޑިސެމްބަރު ގައި މި މަޝްރޫއުގެ މަސައްކަތް ސަރުކާރަށް ބަދަލުކޮށް، ނުނިމި ހުރި މަސައްކަތްތައް ނިންމަން 274 މިިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރިއެވެ. އޭގެ ފަހުންވެސް އެމްޓީސީސީ ހިމެނޭހެން ތިން ކުންފުންޏަކުން މި މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މި މަޝްރޫއުގެ ތެރެއިން ފުލުންގެ އިސް އޮފިސަރުންނާއި މިކަމުގައި ހިމެނޭ ކުންފުނިތަކުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަމަށް މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަން އެކުލަވައިލި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައްވެސް ކޮމިޓީން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ.
މި މައްސަަލަ ބެލި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ އެކަންތަކުގައި ފުލުހުންގެ ތެރެއިން އިހުމާލުވީ ކޮންބައެއްތޯވެސް ދެނެގަނެފައިވާ ކަމަށެވެ.
"އެކި ކޮންޓްރެކްޓްތަކުގެ މުއްދަތުގައި ހަވާލުވެ ތިބި ޒިންމާދާރު މުވައްޒަފުންގެ ތަފްސީލުތައް ހުންނާނެ، ކޮން ޕޭމެންޓެއް ދޫކުރަން ހުއްދަ ދިނީ ކާކުކަމާއި ވައުޗާތަކުގައި ސޮއިކުރީ ކާކުކަން އެނގޭނެ، އެކަމުގައި ވަކިވަކި ފުލުހުން ޒިންމާދާރު ކުރެވޭވަރަށް މައުލޫމާތު ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޕޮލްކޯ ހިޔާނާތާ ގުޅިގެން ކޮމިޓީން އެންގި ބައެއް އެންގުންތައް:
- އެ މަޝްރޫއުގެ ކޮރަޕްޝަންތަކުގެ ތެރެއިން ހޯދާފައި ހުރި އެސެޓްތަކަކީ ދިވެހި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އުފަންކޮށްފައިވާ އެސެޓްތަކެއް ކަމަށް ގަބޫލު ކުރެވޭތީ، އެ އެސެޓްތައް ދައުލަތަށް ނެގުމަށް ގާނޫނާއި ގަވާއިދުގެ ތެެރެއިން ކުރަންޖެހޭ ކަންކަންކޮށް އެސެޓްތައް ދައުލަތަށް ނެގުން
- ނުހައްްގު މުއްސަނދިކަން ހޯދައިދިނުމާއި، އެ ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ދައުލަތުގެ މުދާ ގެއްލިގެންދިޔަ މައްސަލަތަކުގައި އެ ފަރާތްތަކަށް ފިޔަވަޅުއެޅުން
- އައިލެންޑް އެކްްސްޕާޓުން، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 17 ބުރީގެ އެޕާޓަމަންޓް ކޮންޕްލެކްސް ދައުލަތަށް ނެގުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުން
- ބްލޫސް ހައުސިން ކޮރަޕްޝަންގައި ހިމެނޭ ކުރި އާއި މިހާރުގެ ފުލުހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތަށާއި ހޯމް މިނިސްޓަރަށް އެންގުން
އެ މައްސަލައިގައި އެޓާނީ ޖެނެރަލް ހިމެނޭހެން 15 ރެކޮމެންޑޭޝަނެއް އެކި ފަރާތްތަކަށް އަންގަން ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ،
ފެނަކައިގެ ހިޔާނާތް:
ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަ ތަކަކީވެސް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރު ބަލަންފެށި މައްސަލައެކެވެ.
އޮޓިޓް ރިޕޯޓަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަންގެ ހިޔާނާތް 2.2 ބިލިޔަން ރުފިޔާއަށް އަރައެވެ.
ފެނަކައިގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ގޮވާލައިފައެވެ. ތަހުގީގީ އިދާރާތަކުން އެ މައްސަލަ ކުރިއަށްގެންދާ ސްޕީޑް ލަސްކަމުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މައްސަލައިގެ ތަހުގީގު ފަށައިފައެވެ.
އެގޮތުން އޮޑިޓާޖެެނެރަލް އޮފީހުގެ އިސް ބޭފުޅުންނާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) ގެ އިސް ބޭފުޅުންނާއި، ފެނައިގެ އިސް ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް އެ ބޭފުޅުންނާ ސުވާލުކޮށްފައެވެ.
އޭގެ ތެރެއިން އެ ކޮރަޕްޝަންގައި ބައިވެރިވިކަމަށްބުނާ ފެނަކައިގެ މުވައްޒަފުންގެ ލިސްޓެއް ކޮމިޓީން ހޯދުމުގެ އިތުރުން، އެ ކޮރަޕްޝަނާ ގުޅުންހުރި މުހިއްމު މައުލޫމާތުތަކެއް ވަނީ ހޯދައިފައެވެ.
އެންމެ ފަހުން ކޮމިޓީން ނިންމާފައިވަނީ، އެ ހިޔާނާތުގެ ތަހުގީގު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އޭސީސީގެ ތަހުގީގަށް ބޭނުންވާ، އެކަމާ ގުޅުންހުރި ސިއްރު މައުލޫމާތުތަކެއް ކޮމިޓީން ވަނީ އޭސީސީއާ ހިއްސާކޮށްފައެވެ.
ފެނަކައިގެ ހިޔާނާތުގެ މައްސަލަތަަކަކީ މިހާރުވެސް ކަމާބެހޭ ކޯޓުގައި ހިނގަމުންދާ މައްސަލަތަކެކެވެ. އެ ފަދަ މައްސަލައެއްގައި ވަނީ، ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓާ (އެމްޑީ) ގެ މައްޗަަށް ދައުވާކޮށް ހުކުމްވެސް ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ މިއަހަރުގެ ދައުރު ނިންމައިލިއިރު މި މައްސަލައިގައި، ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގު ނިމިފައެއް ނުވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އޮތް މައްސަލަތައް ބެލުމަށްފަހު ކަމާބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތަކާއި، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަތަކުގައި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ގާނޫނުތަކަށް ބަދަލުގެނެސް ކުރަންޖެހޭ މަސައްކަތްތައް ކުރަން މަޖިލީހުގެ ކަމާބެހެ ކޮމިޓީތަކުން، އެޓާނީ ޖެނެރަލް އޮފީހަށާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއަށް އެކި ކަންކަން ވަނީ އަންގައިފައެވެ.
މި މައްސަލަކުގެ އިތުރުންވެސް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ހިޔާނާތުގެ ބޮޑެތި މައްސަލަތަކާއި އެހެނިހެން މައްސަތައް އަންނަނީ ބަލަމުންނެވެ.
އިބްރާހިމް ޒަކީ
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
ކޮމެންޓް