ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދަޅުވީ، ކުރީ ސަރުކާރުން ގިރާވަރުފަޅުން 5،186 ގޯތި ދޭން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބެއްކަމުގައި މިނިސްޓަރު ވިދާޅުވީ، އެ ތަނުގައި އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި ނެތުމެން ކަމަށެވެ.

"ކުރީ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަކީ 5،186. އެއީ 170 ހެކްޓަރު. އެހެންކަމުން އެތަނަކީ އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލެއް ގާއިމުވެފައިވާ ތަނެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ ތަނުން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށް 4،072 ގޯތި އެ ތަނުން ނަގައި އެގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް މިހާރު ވަނީ ގެޒެޓް ކުރުމުގެ މަރުހަލާގައި،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ. އަދި އެ ތަނުން ގޯތި ލިބުނު މީހުންގެ މެދުގައި އަންނަ މަހު ގުރުނަގާނެ ކަމަށާއި ބިން ހިއްކާ ނިމެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގިރާވަރުފަޅުން ދޫކުރި ގޯތިތައް ކުރިއަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަވާލުކޮށް ނިންމައިލެވޭނެ ކަމަށެވެ.