ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 20 ގައި ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖެނުއަރީ 2026 އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ. ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖެނުއަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން. އަދި އިން ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 10 ގައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ މަހުގެ 28 އިން ފެށިގެން އެ މަސައްކަތްކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާ ގޮތުގައި މިމަހުގެ ނިޔަލަށް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި މަހުގެ އަށްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބޭއްވި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މިމަހުގެ ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް އެ ޑްރެޖަރުތައް ދާނެ ކަމަށާއި އަދި ގިރާވަރުފަޅުގެ މަސައްކަތް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ހުޅުމާލޭ ފޭސް ތިނަކުން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން މިމަހުގެ 14 ވަނަ ދުވަހު އެމްއޭސީއެލުން ބުނެފައިވަނީ، ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ ދޮޅު މަސްތެރޭ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނައުމުގެ އިތުރުން ރަސްމާލެ ހިއްކުމަށް ވެސް ވަނީ ޑްރެޖަރެއް ގެނެސްފައެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އަންނަ މާޗް ނުވަތަ އޭޕްރީލް މަހު އެއްކޮށް ނިންމައިލެވޭނެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ ރަސްމާލެ ތަރައްގީކުރަނީ ޕްލޭންގައި 25،000 ގޯތިދިނުމަށް ހިމަނައިގެންނެވެ. އެގޮތުން އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ގޯތިތަކަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.