ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން "ގާލްސް ޓު ކޯޑް" މާލެ އެޑިޝަން ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
އެ ޕްރޮގްރާމަކީ ކޯޑުކުރުމުގެ ދާއިރާއިން ކުރިން އެއްވެސް ތަމްރީނެއް ހާސިލުކޮށްފައިނުވާ، ދާއިރާއަށް މުޅިން އާ އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ގާލްސް ޓު ކޯޑް މާލެ އެޑިޝަން ޕްރޮގްރާމް 17 ބައިވެރިން ފުރިހަމަކޮށްފައިވާ އިރު، މިހާތަނަށް އެ ޕްރޮގްރާމް މެދުވެރިކޮށް ޖުމުލަ 108 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ނިންމައިފައެވެ.
ގާލްސް ޓު ކޯޑް މާލެ އެޑިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު، ވިމެން އިން ޓެކް މޮލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ތަރައްގީވަމުންދާ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަމުންދާ ދާއިރާއަކީ ޓެކްނޮލޮޖީ ކަމަށާއި އެހެންކަމުން ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމެއް ކަމަށެވެ.
"މިގޮތުން، ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި، އަންހެނުން ބާރުވެރިކުރުމަށް ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުންދާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމް ފާހަގަކޮށް ދެ ފަރާތުން ކުރައްވާ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.
ދިރާގުން ބުނީ ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެ ދާއިރާތަކުން އިތުރަށް ކުރިއަށްދާން ބާރު އެޅުމަށް އަދި ދާއިރާއާ ބޮޑަށް ކައިރިކުރުމުގެ މަގުސަދުގައި މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން "ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި ކެރިއާ ގައިޑެންސް ހާއްސަ ވޯކްޝޮޕެއް، ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގަ މިއަހަރު ތައާރަފުކޮށްފައިވާ ކަމަށާއި އަދި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސްއާ ބައްދަލުވެ، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ކުދިންނާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދެވުނު ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި އެ ޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ޒުވާން އަންހެން ފަރާތްތަކަށް އެ ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދާ ކަމަށެވެ.
"މި ފުރުސަތުގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ހުރިހާ ބައިވެރިންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަން. މި ޕްރޮގްރާމްގެ ތެރެއިން ދަސްވި ހުނަރާއި މައުލޫމާތުގެ އެހީގައި، ބައިވެރިންގެ ތައުލީމީ އަދި މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން،" ދިރާގުގެ ސީއީއޯ ވިދާޅުވިއެވެ.
ވިމެން އިން ޓެކް މޮލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް ވަނީ ގާލްސް ޓު ކޯޑް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިރާގުން ވިމެން އިން ޓެކްއަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.
"މި ޕްރޮގްރާމުގެ ބައިވެރިން، ދަސްވި ހުނަރުތަކާއި މައުލޫމާތު ކުރިއަށްއޮތް ތަނުގައި ވެސް އިތުރަށް ތަރައްގީކޮށް، ތައުލީމީ މާހައުލުތަކާއި މަސައްކަތުގެ ދާއިރާގައި ފުރިހަމަ ގޮތުގައި ބޭނުންކޮށް، އޭގެ ފައިދާ ހޯދާނެ ކަމަށް އުންމީދުކުރަން،'' ނަހްޒާ ވިދާޅުވިއެވެ.
ދިރާގުން ބުނީ އެ ޕްރޮގްރާމްގެ ބައިވެރިންނަށް ފަންޑަމެންޓަލް ކޯޑިން ސްކިލްސް ލިބިފައިވާ އިރު، ކުރިން ކޯޑުކުރުމުގެ ތަޖުރިބާ ލިބިފައިނުވިޔަސް، ޕްރޮގްރާމް ނިމުނުއިރު އަމިއްލައަށް ކޯޑުކޮށް، މިނީ ޕޯޓްފޯލިއޯ ވެބްސައިޓުތައް އުފެއްދުމުގެ ހުނަރު ދަސްވެފައިވާ ކަމަށެވެ. އަދި ލިބުނު ހުނަރު އަމަލީގޮތުން ބޭނުންކޮށް ކެޕްސްޓޯން ޕްރޮޖެކްޓް ތައްޔާރުކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ މެންޓާޝިޕް ލިބިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އެ ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންގޮސް އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދިއުމަށް އަޅައިދެވޭ މުހިންމު ބިންގަލަކަށް ކަމަށާއި އެގޮތުން އެ ޕްރޮގްރާމު ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ލ. އަތޮޅު އަދި ހއ. ދިއްދޫގައި ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.
މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު