މިދިޔަ 2025 ވަނަ އަހަރަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައި އަހަރެކެވެ.

އޭގެ ތެރޭގައި މެންބަރުންގެ ރަސްމީ ހެދުން ކަނޑައެޅުމާއި އާއްމުންނަށް އީ ޕެޓިޝަން ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން މަޖިލިސް ކުރާ ގެޔަށް ވަދެވޭނެ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.

މެންބަރުންގެ ރަސްމީ ހެދުން:

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާތަކުގައި އަޅުއްވަން ޖެހޭ ރަސްމީ ހެދުމަކީ ކޮބައިކަން ކަނޑައަޅައި އެއާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

ގަވައިދުގައި އެ އުސޫލު ހިމެނުމަށް ޓަކައި އާއްމު ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ހުށަހެޅުއްވީ މެންބަރުން ހެދުން އަޅަންވީ ގޮތް މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގައި ހިމެނުމަށެވެ.

މަޖިލިސް ރައީސް މި ބަދަލު ގެންނަން ހުށަހެޅުއްވީ މަޖިލިސް ތަޅުމުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދައުލަތުގެ މިނިސްޓަރުން ހާޒިރު ނުކުރާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން އިހުތިޖާޖު ކުރުމުގެ ގޮތުން ޓައީ ނާޅުއްވައި މަޖިލިސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވުމުންނެވެ.

އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޓާއީ ނާޅުއްގައި މަޖިލިސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި، އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ވައި ކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު---ފޮޓޯ: މަޖިލިސް އިދާރާ

އެކަމާ ގުޅިގެން މަޖިލީހުން ފާސްކޮށް ގަވާއިދުގައި ހިމެނި އުސޫލުގައި، މެންބަރުންގެ ރަސްމީ ހެދުން ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހި ރާއްޖޭގައި ރަސްމީ ހެދުމުގެ ގޮތުގައި ބޭނުންކުރާ އަންނަނިވި ހެދުމުން ކުރެ ހެދުމެއް ކަމަށެވެ.

އެއީ:

  • ކޯޓު ފަޓުލޫނާއި ޓައީ
  • ގަމީހާއި ޓައީ އާއި ފަޓްލޫނު
  • ގައުމީހެދުން
  • އަންހެން މެންބަރެއް ނަމަ ރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާ ހިލާފު ނުވާގޮތަށް ހުންނަ ރަސްމީ ހެދުން

މީގެ އިތުރުން މަޖިލިސް މެންބަރުން ހުވައިކުރުމުގެ ރަސްމިއްޔާތާއި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ، މަޖިލީހުގެ ޖަލްސާތަކާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވައިކުރުގެ ރަސްމިއްޔާތުގެ މަޖިލިސް ޖަލްސާގައި، ފިރިހެން މެންބަރުން ތިބޭނީ ކޯޓު ފަޓުލޫނާއި ޓައީ، ނުވަތަ ގައުމީ ހެދުމުގައި ކަމަށާއި، އަންހެން މެންބަރުން ތިބޭނީ، ކޯޓު ނުވަތަ ކޯޓު ފަޓުލޫނު ނުވަތަ ގައުމީ ހެދުމުގައި ކަމަށްވެސް ވަނީ ހިމަނައިފައެވެ.

މަޖިލީހަށް އައުން ހުއްދަ ނޫން ހެދުން ވެސް މި އުސޫލުގެ ދަށުން ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ހަންގަނޑު ފާޅުވާ ފަދަ ތުނިހެދުމާއި ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި އަހުލާގީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުމެވެ. އަދި އެއްވެސް ބާވަތެއްގެ ޖިންސެއް، ގިނަ ޖީބު ލާފައި ހުންނަ ދިގު އަދި ކުރު ހަރުވާޅު، ޓީޝާޓު ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން ވެސް ހިމެނެއެވެ. ފެން ފައިވާނާއި ޓެނިސް، ޖޮގިން ޝޫޒް ވެސް އޭގެ ތެރޭގައި ހިމަނާފައިވެއެވެ.

މެންބަރުންގެ އިތުރުން މަޖިލީހަށް ވަދެ ތިބޭ އެހެން ފަރާތްތަކުން ވެސް އަމަލުކުރަން ވާނީ މި ގަވައިދާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއުސޫލާ ހިލާފުވާ މެންބަރުންނާ މެދު މަޖިލިސް ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަަޅު އެޅޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން---ފޮޓޯ: މަޖިލިސް އިދާރާ

އެ މާއްދާގެ ދަށުން އެޅޭނެ ފިޔަވަޅުތައް:

  • އަމަލު ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން.
  • މެންބަރު އެ ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރި ވުން.
  • ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުމުން މަހްރޫމް ކުރުން.
  • މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމް ކުރުން.

މީހުން ހާޒިރު ކުުރުމުގެ ނޯޓިސްގެ މުއްދަތު ކުޑަކުރުން:

އެކި ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރަން ދޭ ނޯޓިސްގެ މުއްދަތު ކުޑަކުރަން ވެސް މިދިޔަ އަހަރު މަޖިލީހުން ވަނީ ގަވައިދަށް ބަދަލު ގެނެސްފައެވެ.

އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވައިގެން މަޖިލީސް ގަވާއިދުގެ 180 ވަނަ މާއްދާގެ (ރ) އާއި (އ) އަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެ މާއްދާގެ (ރ) ގައި މިހާތަނަށް އޮތީ މަޖިލިސް ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރު ކުރެވޭނ،ީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރު ކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު، ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، ސާފު ފަސް ދުވަސް ދިނުމަށް ފަހުގައި ކަމަށެވެ. އަދި (އ) ގައި ބުނަނީ މި ގަވާއިދުގައި މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ އެ ކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން ސާފު ފަސް ދުވަސް ދިނުމަށް ފަހުގައި ކަމަށެވެ.

އެ މާއްދާތަކަށް ގެނައި އިސްލާހުގައި ވަނީ އެ ދެ އަކުރުގައި ވެސް ހިމެނޭ މުއްދަތު ފަސްދުވަހުން ތިން ދުވަހަށް ކުރު ކުރުމަށެވެ.

މެހްމާނުންނާއި ނޫސްވެރިން މަޖިލީހަށް ވަންނަމުން އައި ގޮތް ބަދަލުކުރުން:

ރައްޔިތުންގެ މަޖިލީހަށް އަންނަ މެހުމާނުންނާއި ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވެއްދޭނީ މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ކަނޑައަޅައިފައެވެ.

މަޖިލިސް ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ޅ) އަށް މި އިސްލާހުތައް ގެންނަން ހުށަހެޅީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލިސް ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) މީގެ ކުރީން އޮތީ މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީއަކަށް މެހެމާނުންނާއި ނޫސްވެރިން ވެއްދުމުގެ އިންތިޒާމު ހަމަޖައްސައި އެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށެވެ.

އެ މާއްދާ އިސްލާހުކޮށް މަޖިލިސް ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތީން މަޖިލީހުގެ ގެއަށް މެހެމާނުން ވެއްދުމާއި މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އަންނަ މެހުމާނުންނާއި ނޫސްވެރިންނާއި، މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކުގައި އެ ކޮމިޓީގެ މެންބަރުން ފިޔަވައި މަޖިލީހުގެ އެހެން މެންބަރުންނާއި މެހުމާނުންނާއި ނޫސްވެރިން އެ ކޮމިޓީއަކަށް ވެއްދުމުގައި އަމަލު ކުރާނީ އާއްމު ކޮމިޓީން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ އުސޫލާ އެއްގޮތަށް އިމްތިޔާޒުތައް ހަމަޖައްސައި އެ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށްވެސް ހިމަނާފައިވެއެވެ.

މަޖިލިސް ގަވާއިދުގެ 23 ވަނަ މާއްދާގެ (ޅ) ގައި އޭރު އޮތީ މަޖިލީހުގެ ގެއަށް އަންނަ މެހެމާނުންނާއި، މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި ކޮމިޓީއަކަށް އަންނަ މެހެމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ، އެކަމެއް އާންމު ކޮމިޓީގެ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށެވެ.

އެ މާއްދާއަށް ބަދަލު ގެނެސް، މަޖިލީހުގެ ގެއަށް އަންނަ މެހުމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިންގަމުންދާ ވަގުތުތަކު ކޮމިޓީއަށް އަންނަ މެހުމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ހިލާފު އެއްވެސްކަމެއް ހިންގައިފިނަމަ އެކަމެއް އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަމާލުކަމަށް ގެންނާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތަކީ، މަޖިލީހާއި މެންބަރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާ އިމްތިޔާޒުގެ މައްސަލަތަކާއި، އިމްތިޔާޒަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ހިނގާފައި ވޭތޯ ދިރާސާކުރުމެވެ. އެފަދަ މައްސަލަތައް ދިމާވި ގޮތާއި، އެކަމުގެ ސަބަބު ހޯދައި، އެކަމާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތަކާއި ތައާރުފު ކުރާން ޖެހޭ އިދާރީ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުގެ ދަށުން މެންބަރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑަށް އަމަލުކުރޭތޯ ބެލުންވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން---ފޮޓޯ: މަޖިލިސް އިދާރާ

އޮންލައިން ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު:

ޕޯޓަލެއް މެދުވެރިކޮށް އޮންލައިންކޮށް އާއްމުންނަށް މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވެސް ވަނީ އިސްލާހު ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތީން، މި އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށެވެ.

މަޖިލިސް މެންބަރުން މެދުވެރިކޮށް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު، މަޖިލިސް ގަވާއިދުގެ 254 ވަނަ މާއްދާއިން މިހާރު ވެސް ލިބިފައި އޮވެއެވެ. ނަމަވެސް ގަވައިދަށް ގެންނާން ފާސްކުރި އިސްލާހުުގައި ވަނީ، ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.

އީ- ޕެޓިޝަން ހުށަހެޅޭނެ ގޮތްތަކުގެ އިތުރުން ކަރުދާސް ޕެޓިޝަން ހުށަހަޅަން ކުރީން ކަނޑައަޅާފައިވާ ގޮތަށް މި އިސްލާހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މަޖިލިސް ގަވާއިދަށް މި ބަދަލުތައް ގެންނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އެވެ.

އެ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވަމުން މަޖިލިސް ރައީސް ވިދާޅުވެފައިވަނީ މި އިސްލާހުގެ ސަބަބުން ޕޯޓަލެއް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވާނެ ކަމަށެވެ.

އެ ގޮތަން ގަވައިދަށް ގެނައި އިސްލާހުގައި މަޖިލީހަށް ހުށަހެޅޭނެ ޕެޓިޝަންގެ ބާވަތްތަކާއި ހުށަހަޅާ، ޕެޓިޝަނެއްގައި ހުންނާން ޖެހޭ ޝަރުތުތައްވެސް ކަނޑައަޅާފައިވެއެވެ.

އެ ގޮތުން އެކަށީގެންވާ ރިވެތި އިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތީން މަޖިލީހަށް މުހާތަބުކޮށް އިބާރަތްކޮށްފައިވުމާއި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަކަށްވުރެ ގިނަ ގަނޑު ހިމެނޭ ނަމަ ޕެޓިޝަން ހުށަހަޅާ ފަރާތުން އެއިން ކޮންމެ ގަނޑެއްގައިވެސް ސޮއިކޮށްފައި ވުން ހިމެނެއެވެ. ޕެޓިޝަންގައި ޕެޓިޝަން ހުށަހަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމަކީ ވެސް ޝަރުތެކެވެ. ޕެޓިޝަންގައި ޝަރުތެއް އުނިވާ ނަމަ، ޕެޓިޝަން ބަލައި ނުގަންނާނެއެވެ.