ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:15 ހާއިރު ގްރޫޕު ހަދައިގެން ތިބި ބަޔަކު، ފުލުހުން ފެނުމުން އެމީހުންގެ އަމަލުތައް ހުރިގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އިންޒާރުދީ، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޏ. ފުވައްމުލައް، މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން (22އ) އާއި ޏ. ފުވައްމުލައް، ފުނާޑު، ނަމަން، ނާފިއު އިބްރާހިމް (30އ) އަދި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް (19އ) އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ރަޒީން ފަސް ދުވަހަށް، ނާފިއު އިބްރާހިމް ދެ ދުވަހަށް އަދި މުހައްމަދު ލުވޭޒް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ އެންމެންނަކީ ވެސް ޖިނާއީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް