ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން އެކަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިން މަސައްކަތްތައް މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އަންގާ ކަމަށް އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ އެކުލަވާލާ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައިވާ ނަމަ، އެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެހިގެންދާނެ ކަމުގައި ވަޒީފާދޭ ފަރާތްތަކަށް އަންގާ ކަމަށެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް 1485 ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރުމުން ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން މިމަހުގެ 18 ގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަަމަވެފައިވާ ބިދޭސީންގެ ހުއްދަ ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަަލައިޒޭޝަން ޕްރޮގްރާމް"، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށް ހުޅުވާލާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނެ ޝަރުތުތައް:

  • ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން.
  • އެއްވެސް ސަބަބަކާހުރެ ބްލެކްލިސުޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން.
  • ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން.
  • ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތްތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަކަށް ނުވުން.
  • ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން.
  • އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން.
  • މިއަހަރުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން.

މިނިސްޓްރީން ބުނެފައިވަނީ ވަޒީފާދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓްކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.