ވިލިމާލެއިން ނަގަން ނިންމާފައިވާ ދެ ނިކަގަހުގެ ބަދަލުގައި ވިލިމާލޭގައި 500 އާ ގަސް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެ ނިކަގަހެއްގެ ސަބަބުން ވިލިމާލޭގެ ގެތަކަށް ގެއްލުންތަކެއް ވަމުންދާކަމުގެ ޝަކުވާއާއެކު އެ ރަށުގެ ރައްޔިތުން ވަނީ އެ ދެ ގަސް ނެގުމަށް އެދިފައެވެ. އެހެންކަމުން އެ ދެ ނިކަގަސް ނެގުމަށް ނިންމަވާކަން ރައީސް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އިއުލާންކުރައްވައިފައެވެ.
ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ތަރައްގީގެ ބޭނުމަކަށް ގަހެއް ތަނަކުން ނަގަން ޖެހިއްޖެއްޔާ ވެސް އޭގެ ބަދަލުގައި އެތައް ގަހެއް އިންދުން ކަމަށެވެ.
"މި ދޭތެރެއިން އަޑުއިވުނު ވިލިނގިލީގައި ނިކަގަހެއް ނަގަން ޖެހުނު ވާހަކަ. އެ ގަސް ނަގާއިރު، އަޅުގަނޑު އޮންނާނެ މިނިސްޓަރަށް ދަންނަވާފައި، މިހާރު މަސައްކަތް ވެސް ފަށައިފި ވިލިނގިލީގައި 500 އާ ގަސް އިންދަން. އެންމެ ދެ ނިކަގަސް ނަގާތީ. އެހެންނަމަވެސް އެ ދެ ނިކަގަހުގެ ބައިތައް ގެންގޮސް، ތަންތާނގައި އިންދަން އެބަޖެހޭ. ފަޅުރަށްތަކުގައި ވެސް އިންދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރުތައް އިތުރުވެގެންދާ ކަމަށާއި އެފަދަ ކަންކަން ކުރިމަތިވަނީ ރާއްޖޭގެ ސަބަބުން ނޫން ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ ބޮޑެތި ގައުމުތަކުގެ އަމަލުތަކާ ގުޅިގެން ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފައެވެ.
"އެހެންނަމަވެސް މި އަޑުއަހާނެ ބަޔަކު ނެތް. މިކަމުގައި އިތުރަށް ވާހަކަދައްކަން ޖެހޭ. ރާއްޖެއިން ކަންކަން ދުލެއް ނުކުރާނެ. އަޅުގަނޑުމެންގެ އެފަޓް މިދިޔަ ދެ އަހަރު އިތުރުކުރީ. ވަރަށް ގިނަ މަސައްކަތް އެބަކުރަން. އެހެންނަމަވެސް އަޑެއް ނާހާ. ބިގް އެމިޓާސް، އެމީހުން އެ ބޭނުންވާ ގޮތަކަށް ދަނީ ކަންކުރަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުރާ ކަންކަމުގެ އަސަރުތައް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި ކޮންމެ ކޮންފަރެންސެއްގައި ވެސް ކުދި ގައުމުތަކުން ދައްކަމުންދަނީ އެ ވާހަކަތައް ދެއްކި ނަމަވެސް، އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު