އިންޑިއާއިން މިއަދު ޖައްވަށް ރޮކެޓެއް ފޮނުވަން ނިންމާފައިވާ ކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ ޖައްވީ އިދާރާ ''ދަ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން'' އިސްރޯ އިން ވަނީ އެމެރިކާގެ ކޮމިއުނިކޭޝަން ސެޓަލައިޓު ހިމެނޭ ހާއްސަ ރޮކެޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފޮނުވާލާނެ ކަމަށް ބުނެފައެވެ.

ދަ ބްލޫބާޑް ބްލޮކް-2 ސެޓަލައިޓު ޖައްވަށް ދޮނުވާލާ މިޝަން އަކީ އިސްރޯ އިން ހިންގާ ކޮމާޝަލް މިޝަން އެއް ކަމަށް އެ އޯގަނައިޒޭޝަން އިން ބުނެއެވެ.

އިންޑިއާއިން ޖައްވަށް މިއަދު ހެނދުނު ފޮނުވާ ރޮކެޓު ފޮނުވާލުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:54 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރޯ އިން ވަނީ އިއްޔެ އިން ފެށިގެން އެރޮކެޓް އުދުއްސާލުމުގެ ހާއްސަ ކައުންޓްޑައުން އެއް ފަށާފައެވެ.

ބަރުދަނުގައި 6،100 ކިލޯ ހުންނަ ދަ ބްލޫބާޑް ބްލޮކް-2 ޖައްވަށް ފޮނުވާ ރޮކެޓް ލޯންޗް ކުރާ އިވެންޓު ވަގުތުން ގެންދިއުމަށް އިސްރޯ އިން ވަނީ ނިންމާފައެވެ.