އުރީދޫން ކޮންމެ ދެމަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީއެއް) ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަނާ ބެހޭގޮތުން އުރީދުން ބުނީ މި މަހު 20 އިން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ދެ މަހަކު އޭޓީވީއެއް ދޫކޮށްލާނެ ކަމަށެވެ. އެގޮތުން ޖުމުލަ ހަ އޭޓީވީ ކަސްޓަމަރުންނަށް ދޭން ނިންމާފައިވާ ކަމަށެވެ.
އުރީދޫން ބުނީ އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހައްމާދީ ވިދާޅުވީ މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އުރީދޫގެ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
"އުރީދޫގެ ހިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. ކޮންމެ ދެ މަހަކުން އެއްފަހަރު ޑްރޯއާ އެކު މުޅި އަހަރު ކުރިއަށްގެންދާ މި އިނީޝިއޭޓިވްއަކީ އުރީދޫގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމަށް ކުރިއަށްގެންދެވޭ ޕްރޮމޯޝަނެއް،" ހައްމާދީ ވިދާޅުވިއެވެ.
އުރީދޫން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެ ޑްރޯއަށް ކޮލިފައިވުމަށް އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ފަދަ ހިދުމަތްތައް ސަބްސްކްރައިބް ކުރަންވާނެ ކަމަށެވެ. އަދި ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހެނޭ ކަމަށެވެ. އޭގެ އިތުރުން ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރުން ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވާންޖެހޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށެވެ.
އާއިޝަތު މާހާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް