މާލެ ސަރަހައްދުންނާއި އަތޮޅުތެރެއިން އާސަންދައިގެ ދަށުން 2025 ގައި ފޯރުކޮށްދޭން ފެށި އެންމެ މުހިންމު އެއް ހިދުމަތަކީ ހެޔޮ އަގުގައި އައިނު ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ.

ކުރިއަށްއޮތް އަހަރުތަކުގައި ހުޅުމާލޭ ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނުގެ ވިޔަފާރިއަށް ފިހާރަތައް ހުޅުވުމަށް ސަރުކާރުން ނިންމީ ނިމިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހުގައެވެ.

އެ ނިންމުން ސަރުކާރުން ނިންމަން ޖެހުނީ ނިމިގެންދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިމިދިޔަ އަހަރުގެ މެއި މަހުގެ 28 ގައި ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި އެކަން އިއުލާނުކުރެއްވުމުންނެެވެ.

އެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ނިންމުމާއެކު، އަމިއްލަ ވިޔަފާރިތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމަވާފައިވާކަން މެއި 31 ގައި ރައީސް އިއުލާންކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ނިމިދިޔަ އަހަރުގެ ޖުލައި 8 ވަނަ ދުވަހުގެރޭ ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި އައިޖީއެމްއެޗްގެ އިތުރުން ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރައްވާ އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް. ވިޔަފާރިއެއް ގޮތަކަށް ނޫން. އާސަންދައިން ކަނޑައެޅިފައި އޮންނަ އަދަދުގެ ތެރެއިން، ފުރަތަމަ އައިޖީއެމްއެޗްގައި އައިނު ހަދަން. މިކަން އިތުރަށް ފުޅާކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި އަދި މުސްތަގުބަލުގައި ރީޖަނަލް ހޮސްޕިޓަލުތަކުގައި ސަރުކާރުން އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ،" ހަލީމް ވިދާޅުވެފައިވެއެވެ.

27 ޖުލައި 2025، އައިޖީއެމްއެޗްގެ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އާސަންދައިން ހިލޭ އައިނު ހެއްދޭގޮތަށް އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވުން

އެންމެ ފަހުގެ ވަސީލަތްތަކާއެކު ލޮލުގެ ނަންބަރު ނެގޭ ގޮތަށް، އައިޖީއެމްއެޗްގައި "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި އައިނު ފިހާރަ ހުޅުވީ ނިމިދިޔަ އަހަރުގެ ޖުލައި 27 ގައެވެ.

އެ ރަސްމިއްޔާތުގައި އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވީ ރައީސް ޑރ. މުއިއްޒެވެ. އެއަށްފަހު ރައީސް ވަނީ އެމްސީޖީއެޗް އޮޕްޓިކަލްސް ބައްލަވައިލައްވައި، އެ ފިހާރައިން ހިދުމަތް ހޯދި ފުރަތަމަ ތިން މީހުންނަށް އައިނު ހަވާލުކޮށްދެއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައިވަނީ އެމްސީޖީއެޗް އޮޕްޓިކަލްސްގައި އެންމެ ފަހުގެ އެޑްވާންސް މެޝިނަރީތައް ގާއިމުކުރެވިފައިވާ ކަމަށާއި އެ މެޝިންތަކުން ގްލައުކޯމާއަށް ވެސް ޓެސްޓުކުރެވޭނެ ކަމަށެވެ. އަދި އާސަންދައިގައި ހިމެނޭ 2،000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ ކަމަށެވެ.

އެ ފިހާރައިން ހެޔޮ އަގުގައި ނަންބަރު އައިނު ހެއްދުމުގެ އިތުރުން ނަންބަރު ނެގުމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވެއެވެ.

އައިނު ފިހާރަތައް ހުޅުވުމުގެ އިތުރުން، ކުރިން އާސަންދައިން ނަންބަރު އައިނު ހައްދަން ލިބެނީ 1،000 ރުފިޔާ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ލޮލުގެ ނަންބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދައިން 2،000 ރުފިޔާ ލިބޭ ގޮތަށް ހަމަޖައްސަވައިފައެވެ.

26 ނޮވެމްބަރު 2025، 26 ނޮވެމްބަރު 2025، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މަޖިލިސް ޖަލްސާގައި---ފޮޓޯ: މަޖިލިސް އިދާރާ

ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަން މައްސަަލަ

ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަން މައްސަަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ މަޖިލީހުގައި ސުވާލުކުރަން އެޖެންޑާކުރިއެވެ. އެ މައްސަލައާ ބެހޭގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފަސް ސުވާލެއް ކުރެއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.

ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ކުރާކަމަކީ ރެގިއުލޭޓްކުރުން ކަމަށް ފާހަގަކޮށް، އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރިކުރަން ނިންމި ސަބަބަކީ ކޮބައިތޯ އާއި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާ ހަރަދެއް ދިޔަތޯ އާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާނެތޯ މެންބަރު ސުވާލުކުރެއްވިއެވެ.

އޭގެ އިތުރުން އިގުތިސާދެއް ދެމިއޮންނަނީ އަމިއްލަ ވިޔަފާރިތައް ދެމިއޮވެގެން ކަމަށްވާ އިރު، އައިނު ވިއްކުމުގެ ވިޔަފާރިއަކީ އަމިއްލަ ގިނަ ކުންފުނިތަކަކުން ޒަމާންތަކެއް ވާންދެން ކުރަމުން އައި ވިޔަފާރިއެއް ކަމަަށާއި، މި ވިޔަފާރީގެ ތެރެއަށް ކުއްލި ގޮތަކަށް ސަރުކާރުން ވަނުމުން ވިޔަފާރިތަކަށް ދިމާވެދާނެ ގޮންޖެހުންތައް، ކިހާވަރަކަށް ދިރާސާކުރެއްވިންތޯ އާއި އެ ދިރާސާގެ ނަތީޖާ އަކީ ކޮބައިތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައްޔިތުންނަށް ސަރުކާރުން ތައާރަފު ކުރި، ހިލޭ ނަންބަރު އައިނު ހަދައިނުމުގެ ހިދުމަތުގެ ދަށުން ކޮންމެ އަހަރަކު، ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ރުފިޔާ ހަރަދުވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު ހަ ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތް ދޭ ތަން ހެދުމަށާއި، އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް ޖުމްލަ ދެ މިލިޔަން ރުފިޔާ ހަރަދުވިކަމަށެވެ. އޭގެ އިތުރުން އަހަރެއްގެ މައްޗަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ އިތުރު އަގަކާނުލައި ރައްޔިތުންނަށް އައިނު ލިބޭނެ އިމްތިޔާޒު ހަމަޖައްސައިދިނުން ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވެފައިވެއެވެ. ނަންބަރު އައިނު ހަދައިދުނުމުގެ ހިދުމަތަކީ، ވިޔަފާރީގެ އުސޫލުންދޭ ހިދުމަތެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ސަރުކާރަށް ދެނެގަނެވުނީ އަމިއްލަ އޮޕްޓިކަލްތަކުން ފޯރުކޮށްދެމުންދާ އައިނުގެ ހިދުމަތް ހޯދުމަކީ އާއްމުންނަށް މާލީގޮތުން ބުރައެއް ކުރިމަތިވެފައިވާ ކަމެއްކަމަށް،" މަޖިލިސް ޖަލްސާގައި ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވީ އައިނުގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކުން އެ ހިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެއްކަން ސަރުކާރަށް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، އާސަންދައިން ނަންބަރު އައިނަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާދޭއިރު ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހަރަދުކުރަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވަނީ ލޮލުގެ ތަހުލީލުތައް ހަދާފައިވާ ބަލިމީހުންނަށް، ލޮލުގެ ފެނުމުގެ ޓެސްޓް ކުރުމާއި ގްލޯކޮމާ ފަދަ ހާލަތްތައް އަވަހަށް ދެނެގަތުމާއި އިންހައުސްކޮށް ލެންސް އުފެއްދުން ފަދަ ޚިދުމަތްތައް ވެސް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާކޮށް ރާއްޖޭގައި ލޮލުގެ ފަރުވާ ފަސޭހަގޮތުގައި ލިބޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

27 ޖުލައި 2025، އައިޖީއެމްއެޗްގެ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" ހުޅުއްވައިދެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިހާރަ ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިނާޔަތް ބޮޑުކުރި ފަހުން އާސަންދައިން 24،499 މީހުން އައިނު ހެއްދުން:

ސަރުކާރުން އައިނު ލިބޭތީ ރައްޔިތުންގެ ޖީބުން އިތުރަށްދާ ހަރަދު ކުޑަވުމުން ގިނަ ބަޔަކުވަނީ އެކަން ބަލައިގަނެފައެވެ. މިއިީ އައިނު ހަދަން ބަޑު ހަރަދު ކުރަމުންދާ ބައެއް ފަރާތްތަކުން ބުނާ ވާހަކައެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ އަހަރުގެ ޖޫން މަހުގެ 25 އިން ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 24،499 މީހުން އާސަންދަ ސްކީމުން އައިނު ހައްދާފައިވެއެވެ. އެއީ ސަރުކާރު ހޮސްޕިޓަލުތަކުން 7382 މީހަކަށް އަދި އަމިއްލަ ހިދުމަތްދޭ ފަރާތްތަކުން 17117 މީހެކެވެ.

އެ މުއްދަތުގައި އައިނުގެ ހިދުމަތަށް ސަރުކާރުގެ ހޮސްޕިޓަލުތަކަށް 14.7 މިލިއަން ރުފިޔާގެ އިނާޔަތް ދީފައިވާ އިރު، އަމިއްލަ ހިދުމަތް ދޭ ފަރާތްތަކަށް 32.6 މިލިއަން ރުފިޔާގެ އިނާޔަތް ދީފައިވެއެވެ.

ރައީސްގެ މި ނިންމެވުމުން ގިނަ ރައްޔިތުން އުފާވީ ނަމަވެސް އައިނު ވިޔަފާރިވެރިން އެކަމާ ހެފީއެއް ނުވެއެެވެ.

އެކަން ހާމަކޮށްފައިވަނީ ރައީސް މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުުމުގައި އައިނު ވިޔަފާރި ކުރާ ފަރާތެކެވެ. އޭނާ ފާހަގަކުރިގޮތުގައި ސަރުކާރުން އައިނު ވިޔަފާރިއަށް ވަންނަން ގަސްތުކުރާކަން އެ ވިޔަފާރިކުރާ ފަރާތްތަކަށް އެނގިފައި ނުވަތަ އަންގާފައެއްވެސް ނުވެއެވެ. އެކަން ކުރީން ސަރުކާރުން އައިނު ވިޔަފާރިވެރިންނާ މަޝްވަރާކުރި ނަމަ ސަރުކާރަށްވެސް އަދި އައިނު ވިޔަފާރިކުރާ ފަރާތްތަކަށްވެސް ފައިދާވާނެ ގޮތަކަށް، ހަަމަ އެހެންމެ ރައްޔިތުންގެ ޖީބަށްވެސް އައިނު ހެއްދުމަށް ކުރާ ހަރަދު ކުޑަ ވާނެގޮތަކަށް ކަންކަން ކުރިޔަށްގެންދެވުނީސް ކަމަށް އެމީހާ ބުންޏެވެ.

ކޮންމެއަކަސް ނަންބަރު އައިނަކީ ގިނަ ބަޔަކަށް ބޭނުން ޖެހިފައި އޮންނަ އަސާސީ ޚިދުމަތަކަށް ވާތީ، ސަރުކާރުން މި ޚިދުމަތް ދޭން ފެށުމުން އެއީ މާލީގޮތުން ލިބުނު ލުޔެއް ކަމަށް އާންމުން ފާހަގަކުރެއެވެ.