ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަންނަ އަހަރުގެ ޖުލައި މަހު ގުޅާލައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މާލީ ދާއިރާ ތަރައްގީ ކުރުމުގެ ހަރަކާތްތައް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިން ޕޭމަންޓް މޯލްޑިވްސްގެ އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ހުރިހާ ބޭންކުތަކަށާއި ފައިސާ ދެއްކުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެމްއެމް.އޭއިން ތައާރަފުކޮށްފައިވާ ގައުމީ ކިއުއާރު ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ކިއުއާރު ކޯޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށެވެ.

"2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަވަރާއާއި އިންޑިއާގެ ޔޫޕީއައިއާއި ދެމެދު ބޯޑަރު ހުރަސްކޮށް މުއާމަލާތް ކުރެވޭނެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމުމަށް އަންނާނެ،" ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެމްއެމްއޭ އާއި އެންއައިޕީއެލްއާ ދެމެދު ވަނީ އެއްބަސްވުމުގައި ވެސް ސޮއިކޮށްފިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިއަށްގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއްވެސް މިއަދު ވަނީ އުފައްދައިފައެެވެ.