ދޮންދަރިއާއެކު ޖިންސީ އަމަލު ހިންގި މީހާ 15 އަހަރު ދުވަހަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން ބާތިލެއް ނުކުރިއެވެ.

މި މައްސަލައަކީ މީހަކު ކުޑަކުއްޖެއް ކަމަށްވާ، އޭނާގެ ދޮންދަރިއާ އެކު ޖިންސީ އަމަލެއް ހިންގައިގެން ދައުލަތުން ކުރި ދައުވާގެ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރީ، އޭނާގެ ދޮންދަރި ޑޮކްޓަރަށް ދައްކަން މާލެއައިސް ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ހުރި އިރު، އެކުއްޖާ ނިދަން އޮއްވައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާތީ އާއި އޭގެ ފަހުން ރަށަށް ގޮސް ގޭގައި ކުއްޖާ ނިދާކޮޓަރީގައި ނިދާފައި އޮއްވައި އެކިފަހަރުމަތިން ކުއްޖާއާ ބެހުމާއި ސައިކަލުގައި އެރަށުގައި އޮންނަ ބްރިޖްއާ ދިމާލުން ފަޅުރަށް ތެރެއަށް، އެ ކުއްޖާ ގެންގޮސް، އެކުއްޖާއާ ބެހުމާއި ގޭގެ ބަދިގޭގެ ގޮނޑިއެއްގައި ކުއްޖާ އިންދައި ޖިންސީ ގޯނާކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އެމީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ދަށު ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް މި މައްސަލައިގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށްބުނެ އެ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށް އެދި މި މައްސަލައިގައި ކުށްވެރިވާ އެ ކުއްޖާގެ ދޮން ބައްޕަ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ހުކުމް ކުރީ މި މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމް ކުރާ ކަމަށެވެ.