މާލީ ދާއިރާ ތަރައްގީ ކުރުމުގެ ހަރަކާތްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މިކަމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި އެ ބޭންކުގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ (އެންއެފްއައިއެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެންއެސްއެފްއާ) އިފްތިތާހުކޮށްދެއްވީ ރައީސެވެ.
މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ހިދުމަތްތައް ފުޅާކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ތައާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕުން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާއީ އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި އިއާދަކުރަނިވި ހަކަތައާއި ސަސްޓެއިނަބަލް ހައުސިން ފަދަ ދާއިރާތަކަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއްވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އެ ކުންފުނި އިފްތިހާހުކޮށްދެއްވީ ގަވަރުނަރު މުނައްވަރެވެ.
"ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަކީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުމުގެ މަގުސަދުގައި އެމްއެމްއޭއިން އުފެއްދި ކުންފުންޏެކެވެ.
ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްއެމްއޭއަށް އެކިއެކި ގޮތްގޮތަށް އެހީތެރިވެފައިވާ ފަސް ފަރާތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ހަވާލުކުރައްވާފައެވެ. އެ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.
އަލީ ޔާމިން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ