އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑު 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ވެއްދުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޑު ދިހައަކުން ފެށިގެން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަމަށް އަމަލުކުރެވި، އެ މައްސަލަ ބޮޑުވަމުން ގޮސްފައިވާ ކަމަށެވެ.

ދިރާސީ އަހަރު ފެށިގެން ދާ އިރުގައި، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ. ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ އެކަންތައް. ސްކޫލު ގަޑީގައި، ރަސްމީ ސްކޫލު ގަޑީގައި ފޯނެއް ގްރޭޑް 10 އިން ދަށުގެ ކުދިންނަކަށް ބޭނުމެއް ނުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގްރޭޑް 11 އާއި 12 ގެ ކުދިންނަށް ފޯން ގެންދެވޭނެ ކަމަށާއި އެހެންނަމަވެސް ކިޔަވަމުންދާ ވަގުތުތަކުގައި އެ ދަރިވަރުން ފޯނުތައް ބަހައްޓަން ޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާ ލޮކަރުތަކެއްގައި ކަމަށެވެ. އަދި ލޮކަރުން ފޯނުތައް ނެގޭނީ ކުލާސް ވަގުތުތައް ނިމުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ކުދިންނަށް ފޯނު ބޭނުންކުރެވޭނެ. ކްލާސް ނިމިގެން އިންޓަވަލް ޕީރިއަޑްވެސް އަންނާނެ، ހަމަ ފްރީ ޕީރިއަޑްތައް ވެސް އަންނާނެ. އެ ކުދިން އުމުރާ ގުޅޭގޮތުން ބަލާއިރުގައި އެގޮތަށް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރަނީ. އެހެންނަމަވެސް ކިޔަވައިދޭ ގަޑީގައި ފޯނު އަތުގައި އޮތުން ގަބޫލެއް ނުކުރެވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގްރޭޑް 11 އާއި 12 ގެ ދަރިވަރުންގެ ފޯނުތަކާ ގުޅޭގޮތުން ވެސް އެ ބަދަލުތައް ގެންނަން ފަށާނީ ދިރާސީ އާ އަހަރު ފެށުމުން ކަމަށެވެ.