ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލުގެ ޖިއޯޓެކްނިކަލް ސާވޭތައް ހެދުމަށާއި، މުހިންމު ބައިވެރިންނާ ބައްދަލުކުރުމަށާއި، ޑިޒައިންގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެ މަސައްކަތް ކުރާ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް (ޕީއެމްސީ) ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ކޮންސްޓަރްކަޝަން މިނިސްޓްރީން ބުނިގޮތުގައި އެ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަންނަ މަހު 15ގެ ނިޔަލަށް އެ ޓީމު ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.

ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގް ޒޫ އާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމުގެ ބައިވެރިންނާއެކު، ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް މުހައްމަދު ވަނީ ޕީއެމްސީ ޓީމާއެކު ތައާރަފު ބައްދަލުވުމެއް ވެސް މިއަދު ބާއްވައިފައެވެ.

އެ ބައްދަލުވުމަށްފަހު، ޕީއެމްސީ އާއި ޓެކްނިކަލް ޓީމު ވިލިމާލެއަށް ސައިޓް ޒިޔާރަތެއް ކޮށްފައިވާ ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި، ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޕްރޮޖެކްޓުގެ ނަމުގައި ވިލިމާލޭގައި ހަދާނީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލް ތަރައްގީކުރަން ހަމަޖެހިފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށް، ތިމާވެއްޓާ ވެސް ރައްޓެހިގޮތަށް ކަމަށް މިނިސްޓްރީން ކުރީން ބުނެފައިވެއެވެ.