ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލައިފިއެވެ.

ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 40 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށާއި އެއީ މުޅި މަޝްރޫއުގެ 63.5 ޕަސަންޓު ކަމަށެވެ.

ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ މަހުގެ 28 އިން ފެށިގެން އެ މަސައްކަތްކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާ ގޮތުގައި މިމަހުގެ ނިޔަލަށް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިމަހުގެ އަށްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބޭއްވި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މިމަހުގެ ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް އެ ޑްރެޖަރުތައް ދާނެ ކަމަށާއި އަދި ގިރާވަރުފަޅުގެ މަސައްކަތް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ހުޅުމާލޭ ފޭސް ތިނަކުން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން މިމަހުގެ 14 ވަނަ ދުވަހު އެމްއޭސީއެލުން ބުނެފައިވަނީ، ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ ދޮޅު މަސްތެރޭ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނައުމުގެ އިތުރުން ރަސްމާލެ ހިއްކުމަށް ވެސް ވަނީ ޑްރެޖަރެއް ގެނެސްފައެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އަންނަ މާޗް ނުވަތަ އޭޕްރީލް މަހު އެއްކޮށް ނިންމައިލެވޭނެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާ ރަސްމާލެ ތަރައްގީކުރަނީ ޕްލޭންގައި 25،000 ގޯތިދިނުމަށް ހިމަނައިގެންނެވެ. އެގޮތުން އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ގޯތިތަކަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.