ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުނެގުން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެވި، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހަށްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރު ކަނޑައެޅިފައިވާ ކަމަށެވެ.
"މިއަދު ކުރިއަށް މިދަނީ، މި ބަދަލާ ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް." ހައުސިން މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓު 24 ގޯތި
މި ބަދަލާ އެކު ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ވަދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓްކުރެވޭ ފަރާތްތަކަށް ވަގުތުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ.
ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހައުސިން މިނިސްޓްރީން ފަހުނަ ހިއްސާކުރާނެއެވެ. އަދި ބިން ހިއްކައި ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންގޮސް މިހާރު ވަނީ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިންމައިފައެވެ. ކުރިއަށްއޮތް ދޮޅު މަހެއްގެ ތެރޭ އެ މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލުން މައުލޫމާތުދެއެވެ.
ފާތިމަތު ލިއުޝާ
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ