ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރެޓީ ޑިޕޮސިޓް ކުޑަކޮށްފައިވާތީ، ކުރިން ޑިޕޮސިޓް ދެއްކި، މީހުންގެ ފައިސާ ކުލިން އުނި ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ދެ ކޮޓަރީގެ އެޕާޓްމެންޓަށް 15،000 ރުފިޔާގެ ސެކިއުރެޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް 6،000 ރުފިޔާ ސެކިއުރެޓީ ޑިޕޮސިޓްގައި ބެެހެއްޓުމަށްފަހު، ބާކީހުރި ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ.

ތިން ކޮޓަރީގެ އެޕާޓްމެންޓަށް 25،000 ރުފިޔާގެ ސެކިއުރެޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް 8،500 ރުފިޔާ ސެކިއުރެޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށްފަހު، ބާކީހުރި ފައިސާ ކުރިއަށް އޮތް މަސްތަކުތެ ކުލީގެ ގޮތުގައި ހަމަޖެހިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައިވަނީ ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ އަދަދު އާންމުކޮށްފައެވެ.

މުއްތަލިބު ވިދާޅުވީ ދެ ކޮޓަރީގެ އެޕާޓްމެންޓުގެ މަހު ކުއްޔަކީ މިހާރު 6،000 ރުފިޔާ ކަމަށާއި މެއިންޓެސް ފީއަކީ 1،000 ރުފިޔާ ކަމަށެވެ. އެހެންކަމުން މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދަކީ 7،000 ރުފިޔާ ކަމަށެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ސެކިއުރެޓީ ޑިޕޮސިޓަކީ 6،000 ރުފިޔާކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ކުއްޔަކީ 8،500 ރުފިޔާ ކަމަށާއި މެއިންޓެންސް ފީއަކީ 1،500 ރުފިޔާ ކަމަށެވެ. އެހެންކަމުން މަހަކު ދައްކަންޖެހޭނެ ފައިސާގެ އަދަދަކީ 10،000 ރުފިޔާ ކަމަށެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ސެކިއުރެޓީ ޑިޕޮސިޓަކީ 8،500 ރުފިޔާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން އަގު ކަނޑައަޅާފައިވާ ގޮތުން ނަމަ ދެ ކޮޓަރީގެ އެޕާޓްމެންޓަށް މަހު ކުއްޔާއި މެއިންޓެއިންސް ފީ ހިމެނޭހެން 8،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ސެކިއުރެޓީ ޑިޕޮސިޓް ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހެއެވެ.

ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔާއި މެއިންޓެއިންސް ފީ ހިމެނޭގޮތަށް 11،500 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ