މަރުވެފައި އޮއްވައި އިއްޔެ ކަނޑުމަތިން ފެނުނީ ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރުފަހު 1:21 ހާއިރު ކަމަށާއި ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަރުވެފައި އޮއްވައި ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅޭގޮތުން މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށާއި އޭނާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު 12:48 ހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ.
އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އަދި އެވަގުތު މީހާ ކަނޑުގައި އޮއްވައި ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތުދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް