ބަންގުލަދޭޝްގައި މިދިޔަ އަހަރު ދަރިވަރުން އިސްވެ ކުރި މުޒާހަރާގެ އެއް ލީޑަރެއް ކަމަށްވާ ޝަރީފް އޮސްމާން ބިން ހާދީއަށް ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމުވެ، ސިންގަޕޫރުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ހާދީ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރިބިއުންގެ ރިޕޯޓެއްގައިވާ ގޮތުން، އަންނަ ފެބްރުއަރީ މަހު ބާއްވާ ގައުމީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ހާދީގެ ގަޔަށް ބަޑި ޖަހާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު، ވެރިރަށް ޑާކާގައި އޮޓޯއެއްގައި ދަތުރުކުރަމުންދަނިކޮށެވެ.

ސައިކަލެއްގައި ދުއްވާފައިދިޔަ މީހަކު ދިން އެ ހަމަލާއާ ގުޅިގެން ހާދީ އެންމެ ފުރަތަމަ ފަރުވާއަށް ގެންގޮސްފައިވަނީ ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށެވެ. އަދި ސިކުނޑިއަށް ލިބުނު އަނިޔާއަށް ސީރިއަސްވުމާ ގުޅިގެން އޭނާ ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) އަށް ގެންގޮސްފައިވަނީ މިމަހުގެ 15 ގައެވެ.

އުމުރުން 32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ މުޒާހަރާ ގްރޫޕެއް ކަމަށްވާ 'އިންގިލާބް މައުނަ' ގެ އިސް ލީޑަރެކެވެ. އޭނާ އަކީ ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރި މުޒާހަރައިގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

ހާދީ އަށް ބަޑިން ހަމަލާދިން މީހުން ހޯދުމަށް ބަންގުލަދޭޝް ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ. އަދި ތުހުމަތުކުރެވޭ ދެ މީހެއްގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރުކުރުމަށްޓަކައި މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ފަސް މިލިއަން ޓަކާ (42,000 ޑޮލަރު)ގެ އިނާމެއް ދިނުމަށް ވަނީ ހުށަހަޅައިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ މައްސަލައިގައި ބަންގުލަދޭޝްގެ ފުލުހުން ވަނީ މިހާތަނަށް 20 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ބަންގުލަދޭޝް ސަރުކާރުގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް ވެސް ވަނީ އެ ހަމަލާ ކުށްވެރިކުރައްވައިފައެވެ. ހާދީ މަރުވުމަކީ މުޅި ބަންގުލަދޭޝްއަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށް ޔޫނުސް ވިދާޅުވިއެވެ.