ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ މަހު ކުއްޔާއި ޑައުންޕޭމަންޓަށް ގެނައި ބަދަލުތަކުގެ ތަފްސީލުތައް އިއުލާންކޮށްފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެ ފުލެޓުތަކުގެ މަހު ކުއްޔާއި ޑައުންޕޭމަންޓު ކުޑަކުރުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ. އެގޮތުން ޑައުންޕޭމަންޓު ބޮޑުތަނުން ކުޑަކުރެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

މިހާރު އޮންނަ ގޮތުން ތިން ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ނަގަނީ 25،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީއާއެކު މަހު ކުލީގެ ގޮތުގައި ނަގަނީ 10،500 ރުފިޔާއެވެ. މިހާރު ދެ ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ނަގަނީ 15،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީއާއެކު މަހު ކުލީގެ ގޮތުގައި ނަގަނީ 7،000 ރުފިޔާއެވެ.

އެ ބަދަލުތަކުގެ ތަފްސީލުތައް ސަރުކާރުގެ ފަރާތުން އިއުލާންކޮށްފައިވަނީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ތަފްސީލުތަކުގައިވާ ގޮތުން، ތިން ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،500 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 10،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ.

އޭގެ އިތުރުން ދެ ކޮޓަރީގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 6،000 ރުފިޔާ ނަގާ އިރު، މެއިންޓެނަންސް ފީ އަކީ 1،000 ރުފިޔާއެވެ. އެއާއެކު މަހަކު ދައްކަންޖެހޭ ޖުމުލަ ކުއްޔަކީ 7،000 ރުފިޔާއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 6،000 ރުފިޔާއެވެ.

ރައީސް ވެސް ބަދަލު ގެންނަވަން ނިންމަވާފައިވާ އަދަދު ރޭ އިއުލާންކުރެއްވި ނަމަވެސް، ރައީސް ދެންނެވި އަދަދުތަކާއި މުއްތަލިބު އިއުލާންކުރެއްވި އަދަދުތަކާ ކުޑަ ފަރަގެއް އުޅެއެވެ.