ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަަމަވެފައިވާ ބިދޭސީން ގަވާއިދަށް ފެއްތުމަށް އަންނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށް ފުރުސަތު ދިނުމުގެ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަަމަވެފައިވާ ބިދޭސީންގެ ހުއްދަ ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަަލައިޒޭޝަން ޕްރޮގްރާމް"، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށް ހުޅުވާލާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނެ ޝަރުތުތައް:
- ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން.
- އެއްވެސް ސަބަބަކާހުރެ ބްލެކްލިސުޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން.
- ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން؛
- ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތްތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަކަށް ނުވުން.
- ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން؛
- އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
- މިއަހަރުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން.
މިނިސްޓްރީން ބުނީ ވަޒީފާދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓްކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 1485 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބަޔޯމެޓްރިކްސް ދީފައިނުވާ 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ބިދޭސީންގެ މައްސަލަ ވަނީ އަޑި ނޭނގޭ ފުންމިނެއްގައި ކަމަށެވެ. ރާއްޖޭގައި ތިބީ ކިތަށް ބިދޭސީންކަމެއް، އެ ބިދޭސީން ތިބިތަނެއް އަދި ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ މައުލޫމާތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފަނަރަ ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ބޭރުކޮށްލާފައި،މި މަސައްކަތުން މިއަދާ ހަމައަށް 202,000 ބިދޭސީންގެ މައުލޫމާތު ނަގައި އެ މައުލޫމާތުތައް ވާނީ ސިސްޓަމަށް އަޕްޑޭޓްކޮށްފައި. އެހެންކަމުން ޓާގެޓް ކުރި އަމާޒަށް ކުރިން އަންދާޒާ ކުރެވުނު ވަރަށްވުރެ އަވަހަށް ވާސިލުވެވޭނެ ކަމުގެ އުންމީދު އެބައޮތް،" އިހުސާން ވިދާޅުވިއެވެ.
ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން މިވީ ދެ އަހަރުގެ ތެރޭގައި ޖުމުލަ 9،691 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން