މި އަހަރު ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓް ލިބޭ ތިން ވިޔަފާރި ހޮވައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުން އަންނަ ފަންޑެކެވެ. މި އަހަރު މި ގްރާންޓް ކާމިޔާބު ކުރި 3 ވިޔަފާރިވެރިންނިކީ:

  • އިބްރާހީމް މިފްޒާލް ފަޔާޒް (ވިޔަފާރީގެ ނަން: ރަށި ޕާކް)
  • މުހައްމަދު މިމްރާހް (ވިޔަފާރީގެ ނަން: ރަށު ޕްލާސްޓިކް ޕްރޮޖެކްޓް)
  • ޝައްމާ ނަދީމް (ވިޔަފާރީގެ ނަން: ލޭޑީބާޑް ކިންޑާގާޑެން)

ބީއެމްއެލުން ބުނިގޮތުގައި ރަށި ޕާކަށް ގްރާންޓް ދިނީ އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމު ކުރުމަށެވެ. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކެވެ. މި ޕާކުގައި ކުޑަކުދީން ކުޅުމަށް ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރަން ވަނީ ނިންމައިފައެވެ.

ރަށު ޕްލާސްޓިކް ޕްރޮޖެކްޓަށް ގްރާންޓް ދީފައިވާ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި އުފެއްދުންތައް އުފެއްދުން ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން އަވިއައިނު ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ރީސައިކްލިން ސެޓަޕް ގާއިމް ކުރާނީ ވ. ފެލިދޫގައެވެ.

ބީއެމްއެލުން ބުނީ ލޭޑީބާޑް ކިންޑަގާޑެންއަށް ގްރާންޓް ދިނީ ހުޅުމާލޭ ފޭސް 2ގައި އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އާލީ ލާނިން ސެންޓަރެއް ގާއިމު ކުރުމަށް ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަންއަކަށް ފަހުގައެވެ. ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހަޅާފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މިއަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުން ވަނީ މިއަހަރު ޖުމްލަ ތިން ޕްރޮޖެކްޓަކަށް އެހީ ދޭން ނިންމައޮފަ އެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރުވަނަ އަހަރެވެ.