މިއަދު ފާހަގަކުރާ ގަތަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެގައުމުގެ އަމީރު ތަމީމް ބިން ހަމަދު އަލްސާނީ އާއި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް ބިން ޖާބިރް އަލްސާނީ އާއި އެގައުމުގެ ހުރިހާ ރައްޔިތުންނަށް ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ގަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދުވަހުގެ ތަހުނިޔާ ފޮނުވުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގަތަރަކީ ރާއްޖޭގެ އިތުބާރު ހިފޭ ރަހުމަތްތެރިއެއްގެ އިތުރުން، ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. ގަތަރުން ރާއްޖެއަށް ވެދީފައިވާ އެތައް އެހީތަކެއްގެ ފައިދާ، މިދިޔަ އަހަރުތަކުގައި ދިވެހިންނަށް ވަރަށް އަގުހުރި ގޮތްގޮތަށް ލިބިފައިވާ ކަމަށެވެ.

އަދި ރާއްޖެ އާއި ގަތަރާ ދެމެދުގައި އޮތް ގުޅުން މުސްތަގުބަލުގައިވެސް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން ރައީސް އެރުވި އެވެ.