ޕީއެންސީގެ މެންބަރުންގެ އަދަދު 70،000 އަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ސީޓްރެކް ބިލްޑިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ޕީއެންސީއަށް 75،000 އަށްވުރެ ގިނަ މެންބަރުން އިތުރު ވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"މިފުރުސަތުގައި އަޅުގަނޑުމެންގެ ޕްރައިމަރީވެސް މީގެތެރޭގައި ހިމެނުމާއެއްކޮށް އަޅުގަނޑުމެންގެ މެންބާޝިޕްގެ އަދަދު މިހާރު 70،000 ހާސް އިން މައްޗަށް އަރައިފި. މިދިޔަ މަހުގެ 30 ގައި ތިބޭފުޅުންނާ އަޅުގަނޑުމެން ބައްދަލު ކުރި އިރުގައި އޭރުގެ މެމްބާޝިޕްގެ އަދަދަކީ 69،000 ހާސް. އެހެން ނަމަވެސް ގާތްގަނޑަކަށް، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި ޕްރައިޕަރީއަށްވެސް ވަރަށް ގިނަ އަދަދެއްގެ މެމްބަރުން އަޅުގަނޑުމެންގެ މި ޕާޓީއާ ގުޅިވަޑައިގެންފިހެން. ގާތްގަނޑަކަށް 75،000 ހާސް ވާނެ ކަމަށް ގަބޫލުކުރެވޭ،" ފަލާހު ވިދާޅުވިއެވެ.

ޕާޓިއަށް ގިނަ އަދަދެއްގެ މެންބަރުން ވަންނަމުން ދަނީ ގައުމު ހިންގަން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ރުހުމާއި ލޯބި އަދި ރައްްޔިތުން ގަބޫލުކުރާ ގޮތަށް ވެރިކަމުގެ ނިޒާމު ބައްޓަންކޮށް، އެކަންކަމަށް އަމަލުކުރަމުން ގެންދާތީ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.