ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމުލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މިމަހުގެ 11 ގެ ނިޔަލަށް އެކުލަވާފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ރަނގަޅުވެ، ޖުމުލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެފައިވާ އިރު، ސަބްސިޑީތަކާއި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) ގެ ދަށުން ކުރިއަށްދާ ކެޕިޓަލް ހަރަދުތައް ހަރުދަނާކުރުމުގެ މަސައްކަތްކުރިއަށްދެއެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ތެރެއިން، މިދިޔަ ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީން 9.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމުލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ހަރަދުތައް ހުރީ 37.9 ބިލިއަން ރުފިޔާގައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެކެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ހަރަދުތައް އެންމެ ބޮޑަށް އިތުރުވީ ސަބްސިޑީތަކުގެ ސަބަބުންނެވެ. ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 6.5 އިންސައްތައިގެ ދަށްވުމެކެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ 7.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފާއިތުވި ހަފުތާގެ ނިޔަލަށް ފާހަގަކޮށްލެވޭ ދެ ދާއިރާއަކީ ސިއްހަތާއި ދަތުރުފަތުރެވެ. އެގޮތުން، ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް 443.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 138.9 މިލިއަން ރުފިޔާއާ އަޅައިބަލާއިރު، 219 އިންސައްތައިގެ އިތުރުވުމެކެވެ.

ޕީއެސްއައިޕީގެ އެންމެ ބޮޑު ދާއިރާއަކަށް ދަތުރުފަތުރަށް ކުރާ ހަރަދު ހުރި އިރު، މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން، އެއާޕޯޓާ ގުޅުންހުރި ޕީއެސްއައިޕީ ހަރަދު 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއީ މިދިޔަ އަހަރުގެ ތިން ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 4.5 އިންސައްތައިގެ އިތުރުވުމެކެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅައިބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެކެވެ.