ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ފިހިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާދެމުންދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ކަށުނަމާދު މިރޭ ހުޅުމާލެ ސަހަރާ މިސްކިތުގައި ބާއްވަން ހަމަޖައްސައިފިއެވެ.
ސްޓެލްކޯ މީޑިއާއިން މިއަދު "ވަން" އަށް ބުނީ ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނައީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާގެ ކަށުނަމާދުކުރުން އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގައި މިރޭ އިޝާ ނަމާދަށް ފަހުގައި ކަމަށް ސްޓެލްކޯ މީޑިއާ އިން ބުންޏެވެ.
މިދިޔަ މަހުގެ 27 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ސްޓެލްކޯގެ ފިހުނު މުވައްޒަފަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭއިންވެސް ފަރުވާ ދީފައިވެއެވެ. އޭނާއަށް އިތުރު ފަރުވާދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ފަރުވާދެމުންދަނިކޮށް ނިޔާވީ މިމަހުގެ 11 ގައެވެ.
އެ ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން ނެރުުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގެ މިނިވަން ތަހުގީގެއް ފުލުހުން ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއްވެސް ދެމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ